ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ ބޮޑުވެފައިވާ އިކުއެޑޯގެ ހޮސްޕިޓަލަކުން މަރުވިކަމަށް އާއިލާއަށް އެންގި އުމުރުން 74 އަހަރުގެ އަންހެނެއް، ދިރި ހުއްޓާ ފެނިއްޖެއެވެ.
މިކަމެއް ހިނގާފައިވަނީ ޝަހްސު އޮޅުމުގެ ހާދިސާއެއްގެ ތެރެއިން ކަމަށް މައުލޫމާތު ލިބެއެވެ.
އަލްބާ މަރޫރީ މަރުވެއްޖެކަމަށް ކަމާ ބެހޭ ފަރާތްތަކުން އޭނާގެ އާއިލާއަށް އެންގީ މިދިޔަ މަހުއެވެ. އަދި އޭނާގެ ހަށިގަނޑު އަންދާލުމަށްފަހު ހުރި އަޅިތައް ކަމަށް ބުނާ އަޅިތަކެއްވެސް އެ އާއިލާއާއި ވަނީ ހަވާލުވެސް ކޮށްފައެވެ.
ކަންމިހެން އޮތްއިރު، ގާތްގަނޑަކަށް 3 ހަފުތާއެއްހާ ދުވަހުގެ ކޯމާއެއްގައި ހޮސްޕިޓަލުގައި އޮތް މަރޫރީ ހޭ އެރީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ. އަދި އޭނާގެ އާއިލާ މެމްބަރަކަށް ގުޅާ ދިނުމަށް ޑޮކްޓަރުންގެ ކިބައިން އެދުނެވެ.
މި ޚަބަރާއެކު މަރޫރީގެ އާއިލާއަށް ވަނީ އާދަޔާ ހިލާފު އުފާވެރިކަމެއް ލިބިފައެވެ. ނަމަވެސް އެމީހުންގެ އަތުގައި ހުރި އަޅިއަކީ، ކޮން އާއިލާއެއްގެ ހައްގެއްކަން ސާފު ނުވުމާއެކު އެ އާއިލާއަށް ވަނީ ނުތަނަވަސްކަން ކުރިމަތިވެފައެވެ.
ހޮސްޕިޓަލުން ވަނީ މި ނުރައްކާތެރި ކުށަށް މައާފަށްވެސް އެދިފައެވެ.
މިހާތަނަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ ކޮވިޑް-19ގެ ނުރައްކާ އިކުއެޑޯއަށް ކުރިމަތިވެފައިވަނީ އޭގެ އެންމެ އިންތިހާއަށެވެ. 22000 އަށްވުރެ ގިނަ މީހުން އެގައުމުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މަރުވި މީހުންގެ އަދަދު 600 އަށް ވަނީ އަރާފައެވެ. މަރުވާ މީހުންނާ މެދުވެސް ބޮޑެތި އިހުމާލުތަކެއް ވަނީ ވެފައެވެ. އެގޮތުން މަގުތައް މަތީގައިވެސް ގަބުރު ހުރި ކަމުގެ ޚަބަރުތަކެއް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ފެންމަތިވެފައެވެ.
އިކުއެޑޯގެ ޚަބަރުތައް ބުނާ ގޮތުގައި މިދިޔަ މަހު ހޮސްޕިޓަލުގައި މަރޫރީ އެޑްމިޓް ކުރެވުނީ ހުން އައިސް، ނޭވާލާން ދަތިވުމުގެ ސަބަބުންނެވެ. އަދި މި ދުނިޔެއާއި އޭނާ ވަކިވެއްޖެކަން އާއިލާއަށް އެންގީ މާޗް 27 ވަނަ ދުވަހު ކަމަށްވެއެވެ. ހޮސްޕިޓަލުގެ މޯޗަރީގައި އޮތް ގަބުރެއްވެސް އާއިލާއަށް ދެއްކިކަމަށްވެއެވެ. ނަމަވެސް ކޮވިޑް-19ގެ ނުރައްކާ ބޮޑުވެފައި އޮތުމުގެ ސަބަބުން އާއިލާއަށް އެ ގަބުރު ބަލަން ޖެހުނީ އެތައް ފޫޓެއް ދުރުންނެވެ.
މޫނު ބަލަން ދިޔަ ޖޭމީ މޯލާއަކީ މަރޫރީއަށް ބޮޑުދައިތަ ކިއާ ޒުވާނެކެވެ. އެ ގަބުރަކީ އޭނާގެ ބޮޑުދައިތަކަމަށް ހީވާކަމަށް އޭނާވަނީ އޮފިޝަލުން ގާތު ބުނެފައެވެ. މޯލާ ބުނި ގޮތުގައި އޭނާ ގަބުރު ބެލީ ގާތްގަނޑަކަށް ދޮޅު މީޓަރު ދުރުންނެވެ. އިސްތަށިގަނޑާ ހަމުގެ ކުލަވެސް ބޮޑުދައިތައާ ތަފާތެއް ނެތެވެ. ނަމަވެސް ގަނެފައި ހުރި ބިރެއްގެ ސަބަބުން ސީދާ މޫނު ބަލަން ނުކެރުނު ކަމަށް މޯލާ ވަނީ ބުނެފައެވެ.
އެހާ ހިސާބުން މޯޗަރީއިން ހަށިގަނޑު ނެރެ އަންދާލުމަށްފަހު، އާއިލާއާއި ހަވާލުކުރީ އަޅިތަކެވެ.
ހާލަތު ބަދަލުވީ ކުރިންވެސް ދެންނެވި ފަދައިން މިދިޔަ ބުރާސްފަތި ދުވަހު މަރޫރީ ހޭ އެރި ހިސާބުންނެވެ. ސިއްސައިގެން ގޮސްފައި ތިބި ޑޮކްޓަރުން ގާތު އޭނާގެ ނަން ބުނެ، އާއިލާ މެމްބަރެއް ކަމަށްވާ އޯރާއަށް ގުޅުމަށް ނަމްބަރުވެސް ދިނީ މަރޫރީއެވެ.
މިކަންތައްގަނޑާ ގުޅިގެން ހޮސްޕިޓަލުން ވަނީ މަރޫރީގެ އާއިލާގެ ގާތަށް ޒިޔާރަތްކޮށް މައާފަށް އެދިފައެވެ. އަދި އެކަމެއް ހިނގީ ނުތަނަވަސްކަމުގެ ތެރޭގައި ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ނަމަވެސް އާއިލާވަނީ ހަށިގަނޑެއް އަންދާލުމަށް އެ އާއިލާއިން ކުރި ޚަރަދުގެ ބަދަލު ހޯދުމަށް އެދިފައެވެ. މީގެ އިތުރުން، މަރޫރީ މަރުވި ކަމަށް ނިންމާ، އާއިލާއިން އޭނާގެ އެނދުވެސް އެއްލާލާފައި އޮތުމުން، އާ ގޮދަޑި ގަންނަންވެސް އެނާގެ އާއިލާއިން ޚަރަދުތަކެއް ކުރި ކަމަށްވެއެވެ.