ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހި، ފަރުވާ ހޯދާ ޝިފާ ލިބި އެ ބަލިން ރަނގަޅުވުމަކީ، ދެވަނަ ފަހަރަށް އެ ބަލި ޖެހުމުން ދުރުކޮށްދޭނެ ދިފާއީ ބާރެއް ލިއްބައިދޭ ކަމެއްކަން ސާބިތުކުރާނެ ހެއްކެއް އަދި ފެނިފައި ނުވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ބުނެފިއެވެ.

ޑަބްލިއު.އެޗް.އޯއިން މިއަދު ކުރިއަށް ގެންދިޔަ ސައެންޓިފިކް ބްރީފްއެއްގައި، އެ އިދާރާއިންވަނީ ކޮވިޑް-19 އިން ދިފާއު ލިބިފައިވާ މީހެއްކަން ދޭހަވާފަދަ "އިމިއުނިޓީ ޕާސްޕޯޓް" ނުވަތަ "ނުރައްކަލެއް ނެތްކަމުގެ ސެޓްފިކެޓް" ދޫކުރުމާ ދެކޮޅަށް ގައުމުތަކުގެ ސަރުކާރުތަކަށް އިންޒާރުކޮށްފައެވެ. އެހެނީ މިފަދަ ކަންކަމަކީ އެކަމުގެ ސަބަބުގައި އެއްވެސް ޔަގީންކަމެއް ނެތް ސަބަބުތަކެއް ކަންވެސް ޑަބްލިއު.އެޗް.އޯއިންވަނީ ފާހަގަކޮށްފައެވެ.

އިމިއުނިޓީ ޕާސްޕޯޓް ދޫކުރެވުމަކީ ބަލިމަޑުކަން އިތުރަށް ފެތުރިގެން ދިއުމުގެ ނުރައްކާ ކުރިމަތިކުރުވަފާނެ ކަމެއް ކަމަށާ، އެހެނީ ބަލިޖެހި، ރަނގަޅުވެފައިވާ މީހުން އިރުޝާދުތަކަށް ފަރުވާ ކުޑަކުރެވޭ ގޮތް މެދުވެރިވުން ކަމަށްވެސް ޑަބްލިއު.އެޗް.އޯއިން ފާހަގަކުރެއެވެ.

ބައެއް ގައުމުތަކުންވަނީ އެންޓިބޮޑީޒްއަކީ ކޮވިޑް-19 ޖައްސާ ސާސް-ކޯވް-2 ވައިރަހާ ދެކޮޅަށް ލިބޭ ދިފާއީ ބާރެއްކަން ދޭހަވާފަދަ ރޫހެއްގައި މަސައްކަތްކޮށްފައި ކަމަށް ޑަބްލިއު.އެޗް.އޯއިން ބުނެއެވެ. ނަމަވެސް، ކޮވިޑް-19އިން ރަނގަޅުވެ، ހަށިގަނޑުގައި އެންޓިބޮޑީޒް ހުރުމަކީ ދެވަނަ ފަހަރަށް އިންފެކްޓްވުމާ ދުރުކޮށްދޭނެ ކަމެއްކަމަށް ބާރުދޭ އެއްވެސް ހެއްކެއް އަދި ލިބިފައި ނުވާކަމަށް ޑަބްލިއު.އެޗް.އޯއިން ބުނެއެވެ.