ޑެންގޫ އިތުރު ވެދާނެތީ ސަމާލުވުމަށް ހެލްތު މިނިސްޓްރީން ގޮވާލައިފިއެވެ. މިނިސްޓްރީން ބުނީ މިދުވަސްވަރަކީ ވިއްސާރަ ދުވަސް ވަރަކަށް ވުމާއެކު ފަސޭހަ ކަމާއެކު ޑެންގޫ ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެހެން ކަމުން ފެން އުފެދި ހަރުލާ ހުންނާނެ ހެން ތަކެތި ނުބެހެއްޓުމަށާއި، ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް ގޮވާލައިފައި ވެއެވެ.

ރާއްޖޭގައި ވިއްސާރަ މޫސުމާއެކު މަދިރީގެ އުނދަގޫ ބޮޑުގެ ރޯގާ ފެތުރެން ފަށައެވެ. އެގޮތުން މިހާރުވެސް ވައިރަލް ރޯގާ ފެންނަމުން ދާކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމުނަ އަބޫބަކުރު ވިދާޅުވިއެވެ. މިހާތަނަށް ރިޕޯޓުކުރި ވައިލަރް ރޯގާގެ ކެސްތަކުގެ އަދަދު ހާމަ ކޮށްފައި ނުވި ނަމަވެސް، ބޭރަށް ހިންގުމާއި ހުން އައުންފަދަ އަލާމާތްތައް ފެންނަ މިންވަރު ވަނީ އިތުރު ވެފައެވެ.

މި ދުވަސްވަރަކީ، ކޮވިޑް-19 ގެ ބަލިމަޑުކަންވެސް ބާރަށް ފެތުރޭ ދުވަސް ވަރަކަށް ވާއިރު، ކޮވިޑްގެ އަލާމާތްތަކާއި، ވައިރަލް ރޯގާގެ އަލާމާތްތަކާ ދާދި އެއްގޮތް ވުމާއެކު، ގިނަ ބައެއްގެ ހިތުގައި ވަނީ ބިރުވެރިކަންވެސް އުފެދިފައެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ އަދަދު 137 އަށް އަރާފައި ވާއިރު، ކޮވިޑް-19އާ ގުޅިގެން 125 މީހަކު ވަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި އައިސޮލޭޓް ކޮށްފައެވެ. އަދި 1328 މީހަކު ވަނީ ކަރަންޓީނު ފެސިލިޓީ ތަކުގައި ކަރަންޓީނު ކޮށްފައެވެ.

މި ބަލި ހަލުވިކަމާއެކު ފެތުރެމުން ދިއުމާ ގުޅިގެން މިމަހު 15 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި 15 ވަނަ ދުވަހުން ފެށިގެން މާލެއިން އެހެން ރަށްރަށަށް ދަތުރު ކޮށްފައި ވާ ހުރިހާ ފަރާތްތައް އެކަހެރިވުމަށް ވެސް ވަނީ އަންގާފައެވެ.