މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި ވަނިކޮށް، މަގުމަތީގައި އުޅެގެން 109 މީހަކު ޖޫރިމަނާކޮށް، 5 މީހަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އިއްޔެ ގެ ޖުމްލަ އަދަދުތަކަށް ބަލާއިރު، ލޮކްޑައުންގެ ހާލަތުގައި ނެރެފައިވާ އުސޫލުތަކާ ހިލާފަށް މަގުމަތީގައި އުޅުނު 109 ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. ހަމައެއާއެކު އިއްޔެ މަގުމަތީގައި އުޅުނު މީހުންގެ ތެރެއިން 5 މީހަކު ވަނީ ހައްޔަރުކޮށްފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

މި 5 މީހުންވެސް ހައްޔަރުކޮށްފައި ވަނީ މާލެ ސިޓީން ކަމަށް ފުލުހުން ބުނެއެވެ.

އިއްޔެ ޖުރިމަނާ ކުރި 109 މީހުންގެ އިތުރު ތަފްސީލް ހަމާކުރަމުން ފުލުހުން ބުނީ، އިއްޔެ ޖޫރިމަނާ ކުރި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން 101 މިހަކާއި ހުޅުމާލެއިން 4 މީހަކާއި ވިލިމާލެއިން 4 މީހެއް ކަމަށެވެ. މިހާތަނަށް ޖޫރިމަނާ ކުރި މީހުންގެ ޖުމްލަ އަދަދަކީ 461 ކަމަށް ފުލުހުން ބުނެއެވެ. އެއީ މާލެއިން 404 މީހަކާއި ހުޅުމާލެއިން 30 މީހަކާއި ވިލިމާލެއިން 27 މީހެކެވެ.

މީގެ އިތުރުން ފުލުހުން ވަނީ، އިއްޔެ، 60 ފަރާތަކަށް ޒަރޫރީ ބޭނުންތަކުގައި ބޭރަށް ނިކުމެގެން އުޅުމުގެ ހުއްދަ ދީފައެވެ. މި 60 މީހުންނަކީ ވެސް މާލެއިން ހުއްދަދިން 60 މީހުންނެވެ. އެގޮތުން ލޮކްޑައުން ކުރި ތާރީހުން ފެށގެން މިއަދާ ހަމައަށް ޒަރޫރީ ބޭނުންތަކުގައި ނިކުމެގެން އުޅުމަށް ޖުމްލަ 4322 ހުއްދަ ދޫކޮށްފައިވާއިރު، މާލެއިން 3772 މީހުންނަށް، ހުޅުމާލެއިން 484 މީހުންނަށް އަދި ވިލިމާލެއިން 66 މީހުންނަށް ހުއްދަ ދޫކޮށްފައިވެއެވެ.

މާލެސިޓީ ލޮކްޑައުންގެ ހާލަތަށް ގެންގޮސްފައި ވާއިރު މާލޭގެ މަގުތަކުގައި ހުއްދަ ނެތި އުޅޭ މީހުން ވަގުތުން ޖޫރިމަނާ ކުރުމަށް ފުލުހުން ވަނީ ނިންމާފައެވެ. މިދުވަސްވަރު ޒަރޫރީ ހިދުމަތް ހޯދުމަށް ފުލުހުން ދެމުންދާ ހާއްސަ ހުއްދައިގެ ދަށުން ކޮންމެ 3 ދުވަހަކުން 1 ދުވަހު މާލޭގެ ކޮންމެ ގެއަކުން އެކަކަށް ގަޑިއެއް ހާއިރަށް ނުކުތުމުގެ ފުރުސަތު ވަނީ ފަހިކޮށް ދީފައެވެ.