ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އީސްޓޯރުގެ ހިދުމަތްތައް މެދުކެނޑުމަކަށް ފަހު ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ، މިއަދު ހެނދުނު 9:00 އިން ފެށިގެން އީސްޓޯރުގެ ހިދުމަތްތައް އަލުން ފެށޭނެ ކަމަށެވެ. ނަމަވެސް، އީސްޓޯރުން ނަގާނީ 300 އޯޑަރު ކަމަށާއި، ކޮންމެ އޯޑަރަކަށް ލިބޭނީ ގިނަވެގެން 70 އައިޓަމް ކަމަށް އެސްޓީއޯން ބުނެއެވެ.
އެސްޓީއޯން ބުނީ، މިފަދައިން ލިމިޓްކޮށްފައި ވަނީ، ކަސްޓަމަރުންނަށް މުދާ ޑެލިވާ ކޮށްދިނުމުގައި ދިމާވެދާނެ ދަތި ތަކަކަށް ވިސްނުމަށްފަހު ކަމަށެވެ. އަދި ލިމިޓް ކުރުމުން މުދާ ގަންނަ ފަރާތްތަކަށް ލަސްނުވެ، މުދާ ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އެސްޓީއޯން ވަނީ، މުދާ ގަންނައިރު ހަފްތާއަކަށްވާ ސާމާނު ގަތުމަށް އެ ކުންފުނީގެ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ. އީ ސްޓޯ މެދުވެރިކޮށް ވިޔަފާރި ކުރާއިރު، ރަޖިސްޓާ ވާން ނުޖެހޭ ކަމަށާއި، އީ ސްޓޯ.އެމްވީ އަށް ގޮސް ވިޔަފާރި ކުރެވޭނެ ކަމަށް ވެސް އެސްޓީއޯން ބުނެއެވެ.
މީގެއިތުރުން އެސްޓީއޯ ސުޕަމާޓުން ވިއްކާ ތަކެތި ގަންނަން ބޭނުންވާ ކަސްޓަމަރުން އެކުންފުނީގެ ވެބްސައިޓު sto.mv/product މެދުވެރިކޮށް އޯޑަރު ކުރުމުގެ އިތުރުން ފައިސާވެސް ދެއްކޭނެއެވެ. އަދި ކަސްޓަމަރުން ގަންނަ އެތަކެތި ގެއާ ހަމައަށް ޑެލިވާ ވެސް ކޮށްދޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.