ރާއްޖޭގެ ޓެސްޓިން ކެޕޭސިޓީ އިތުރުކޮށްފިއެވެ.
ކޮވިޑް-19ގެ އެންމެ ފަހުންގެ މައުލޫމާތު ހިއްސާ ކުރުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭގެ ޓެސްޓިން ކެޕޭސިޓީ އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އައޖީއެމްއެޗްގައި ހިންގާ މެޝިނުން 250 އާ 300 އާދޭތެރޭގައި ޓެސްޓު ހެދޭ އިރު، މި ކެޕޭސިޓީ އިތުރުވެ، މިހާރު ދުވާލަކު 350 ޓެސްޓު ހެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ޓެސްޓިން ކެޕޭސިޓީ އިތުރުވީ ފުލުހުންގެ ފޮރެންސިކްސްގައި ބޭނުންކުރާ ޕީސީއާރް މެޝިނެއް ބޭނުން ކުރަން ފެށުމުން ކަމަށެވެ. އަދި އެކަމަށް އިއްޔެ ހެލްތް މިނިސްޓްރީގެ ފަރާތުން ހުއްދަދީފައި ވާއިރު، އެ މެޝިންތައް ބަރާބަރަށް މަސައްކަތް ކުރެތޯ ބެލުމަށް ސާމްޕަލް ޓެސްޓުތަކެއް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހެލްތް މިނިސްޓްރީން މިވަގުތު ނިންމާފައިވަނީ ފުލުހުން ދުވާލަކު 50 ޓެސްޓު ހަދަން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އިތުރަށް ކަންކަން ހަމަޖެހުނީމައި އެ މެޝިނުން ވެސް އިތުރަށް ޓެސްޓު ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، މި މަސް ނިމޭހާ ތަނުގައި އައިޖީއެމްއެޗަށް ބޭނުންވާ އިތުރު އެކްޓްރެކްޝަން މެޝިނެއް ލިބޭނެ ކަމާށާއި، އެ މެޝިން ލިބުމުން ޓެސްޓިން ކެޕޭސިޓީ ބޮޑުތަނުން އިތުރުވެގެން ދާނެ ކަމަށެވެ. އަދި މިއާއެކު ހެލްތް މިނިސްޓްރީން ދަނީ އަތޮޅުތަކުގެ ބައެއް ހޮސްޕިޓަލު ތަކުގައި ޓެސްޓު ކުރެވިދާނެތޯ ބަލާ ދިރާސާ ކުރަމުން ކަމަށަވެސް އޭނާ ވިދާޅުވިއެވެ.
އެގޮތުން ރީޖަނަލް ހޮސްޕިޓަލްތަކުގައި ހުރި ލެބޯޓްރީ ޓީމްތައް ވަރުގަދަ ކުރުމަށް ފަހު ހުރި ފެސިލިޓީތައް ބޭނުން ކުރެވިދާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އައިޖީއެމްއެޗްގެ ލެބޯޓްރީ ސެންޓްރަލްކޮށް ބޭނުންކޮށް، ފުލުހުންގެ މަސައްކަތް އައިޖީއެމްއެޗްގެ އޮޕަރޭޝަންގެ ދަށަށްލައި، މަދުމަދުން ހަދަން ޖެހޭ ޓެސްޓުތައް ރީޖަނަލް ހޮސްޕިޓަލްތަކުގެ މެޝިންތައް ބޭނުންކޮށްގެން ހެދުމަކީ ގެންގުޅޭ ވިސްނުމެއް ކަމަށެވެ.