ދުނިޔެ ދުށް އެންމެ ނުރައްކާތެރި ބަލިމަޑުކަމުގެ ގޮތުގައި މިހާރު ސިފަކުރަމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ޝިކާރައަކަށްވެ، އެމެރިކާއިން މަރުވި މީހުންގެ އަދަދު 50000 އަށް ވުރެ މައްޗަށް އަރާފައިވާކަމަށް ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މީގެ ތެރެއިން 3000 މަރެއް ރިޕޯޓްކޮށްފައިވަނީ ފާއިތުވީ 24 އަކަށް ގަޑިއިރުގެ ތެރޭގައި ކަމަށްވާއިރު، އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 870000 އަށް ވުރެ މައްޗަށް އަރާފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގައި އެމެރިކާއިން ބައި ލައްކައަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިދިޔަ ޚަބަރު އާންމުވެފައިވާ މި ވަގުތަކީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ނަމުގައި އެމެރިކާއިން ތަންފީޒު ކުރަމުންދާ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމުގެ މަސައްކަތް ފަށާފައިވާ ވަގުތެކެވެ.
މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު މި ބަލީގައި އެންމެ ގިނަ ބަޔަކު މަރުވެގެން ރިޕޯޓްކޮށްފައިވަނީ އެމެރިކާއިންނެވެ. ނަމަވެސް، ވައިޓް ހައުސްގެ ކޮވިޑް-19 ޓާސްކް ފޯސްގައި ހިމެނިވަޑައިގަންނަވާ ތަޖުރިބާކާރެއް ކަމަށްވާ ޑރ ޑެބްރާ ބާކްސް ވިދާޅުވާ ގޮތުގައި އާބާދީގެ ނިސްބަތުން މި ބަލީގައި މީހުން މަރުވާ ނިސްބަތް މުޅި ދުނިޔޭގައިވެސް އެންމެ ދަށް ގައުމަކީ އެމެރިކާއެވެ.
ޚަބަރު ލިބޭ ގޮތުގައި މި ބަލީގައި އެމެރިކާއިން މަރުވާ މީހުންގެ އަދަދު ފަހަކަށް އައިސް ކުށްލި ގޮތަކަށް އިތުރުވެފައިވަނީ، 'ޕްރޮބަބަލް' ކޭސްތައްވެސް ގުނަމުންދާތީއެވެ. އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ)އިން އޭޕްރިލް 14 ވަނަ ދުވަހު ބުނީ، އެ އިދާރާއިން ކޭސް ގުނަމުންދަނީ ކޮވިޑް-19އަށް ކޮންފާމްޑް ކޭސްތަކާ، ޕްރޮބަބަލް ކޭސްތަކާ، މަރުގެ ކޭސްތައްވެސް ހިމަނައިގެން ކަމަށެވެ.
ކޮވިޑް-19ގެ ޕްރޮބަބަލް މަރެއް ކަމަށް ބަލަނީ، ޑޮކްޓަރުގެ އިމްތިހާނުތަކާ، އެޕިޑޮމޮލޮޖިކަލް މިންގަނޑުތަކުން ކޮވިޑް-19ގެ ކްރައިޓީރިއަށް ފެތޭ ކޭސްތަކެވެ. ނަމަވެސް މި ކޭސްތަކަކީ ސީދާ ކޮވިޑް-19އަށް ޓެސްޓު ކޮށް، އެ ބައްޔަށް ކޮންފާމް ކޮށްފައިވާ ކޭސްތަކެއް ނޫނެވެ.
ހަމަ މިއާއެކު ކޮވިޑް-19ގެ ގިނަ ކޭސްތަކެއް ރިޕޯޓް ނުކޮށް ހުރުމުގެ ސަބަބުންވެސް، މަރުގެ ޖުމުލަ އަދަދަށް ބަދަލު އައުމުގެ ފުރުސަތު އޮވެއެވެ.
އެމެރިކާގެ ނައިބު ރައީސް އަދި ކޮވިޑް-19ގެ ޓާސްކްފޯސް ލީޑަރު މައިކް ޕެންސް ވިދާޅުވީ އެމެރިކާއިން މިހާތަނަށް 4.9 މިލިއަން ސާމްޕަލް ޓެސްޓު ކޮށްފައިވާކަމަށާ، މިއަދަދު އަދިވެސް އިތުރު ކުރުމަށް ގަވަރުނަރުންނާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ކޮވިޑް-19ގެ އިންސާނީ ގެއްލުމުގެ އިތުރުން ކުރިމަތިލާންޖެހިފައިވާ އިގުތިސޯދީ ގެއްލުންތައްވެސް ކުޑައެއް ނޫނެވެ. މިކަން ހައްލު ކުރުމަށްވެސް އެމެރިކާއިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޓެސްޓު ކުރުން އިތުރު ކުރުމަށް ފުރުސަތު ފަހިވާ ގޮތަށް އެކުލަވާލާފައިވާ އިގުތިސޯދީ ސްޓިމިއުލަސް ޕެކޭޖަކަށް ކޮންގްރެސްއިން މިހާރު ވަނީ ރުހުން ދީފައެވެ. މި ޕެކޭޖުގެ އަގު، ގާތްގަނޑަކަށް 484 ބިލިއަން ޑޮލަރަށް އަރައެވެ.