މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 60 އަހަރުގެ އަންހެނަކާއި ކުޑަ ދެ ކުއްޖަކު ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް މިއަދު ޕޮޒިޓިވްވި ކޭސްތަކާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން ވިދާޅުވީ ކޭސް ނަންބަރު 111 އަކީ އަލަށް ފެނިފައިވާ ކްލަސްޓާއެއް ކަމަށެވެ. އޭގެތެރޭގައި އެކި ގައުމުތަކުގެ ބިދޭސީން ހިމެނޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އެގޮތުން އިންޑިއާ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުން ހިމެނޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. ކޭސް ނަންބަރު 111 އަކީ އިންޑިއާ މީހެއް ކަމަށާއި މިހާތަނަށް ކުރެވިފައިވާ ކޮންޓެކްޓު ޓްރޭސިން އިން 26 މީހަކު ފާހަގަކުރެވިފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިއަދު ފެނުނު 112 ވަނަ ކޭސް އަކީ ސްރީލަންކާ އަށް ނިސްބަތްވާ ކުޑަ އަންހެން ކަމަށާއި އެ ކުއްޖާއަކީ އުމުރުން ހަތަރު އަހަރުގެ ކުއްޖެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އެކުއްޖާއަކީ "އެމްއެޗްއެފް" ކްލަސްޓާއަކާއި ގުޅިފައިވާ މީހަކާއި އެކު މަސައްކަތް ކުރާ މީހެއްގެ ދަރިއެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ ކޭސް ނަންބަރު 113 އަކީ ވެސް އަންހެނެއް ކަމަށެވެ. އެމީހާއަކީ ޓީޗާ އެޑިއުކޭޓާ އެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއް ކަމަށާއި އެމީހާއާ ގުޅިގެން ކޮންޓެކްޓުން ގޮތުގައި ފާހަގަވެފައިވަނީ ހަމައެކަނި އެގޭގައި އުޅޭ މީހުން އެކަނި ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އެއީ ގާތްގަނޑަކަށް 27 މީހެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ކޭސް ނަންބަރު 114 އަކީ 60 އަހަރުގެ އަންހެނެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އެމީހާއަކީ ކޭސް ނަންބަރު 73 "އާރްއައިއެސް" ކްލަސްޓާއާ ގުޅިފައިވާ މީހެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އިތުރަށް ވާހަކަދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ 115ވަނަ ކޭސްއާ 116ވަނަ ކޭސް އަކީ "އެލްއެލްވައި" ކްލަސްޓާއަކާއި ގުޅިފައިވާ ކޭސްތަކެއް ކަމަށެވެ. އެއީ މުޅިންވެސް ބަންގްލަދޭޝް މީހުންގެ ކްލަސްޓާއެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

ކޭސް ނަންބަރު 117 އަކީ ވެސް ކުރީގެ ކްލަސްޓާއަކާއި ގުޅުން އޮންނަ މީހެއް ކަމަށް ވިދާޅުވެ ޑރ. އަފްޒަލް ވިދާޅުވީ ކޭސް ނަންބަރު 117 އަކީ ކޭސް ނަންބަރު 28 އަދި 31ގެ ދަރިފުޅު ކަމަށެވެ. އެ ކުއްޖާއަކީ 12 އަހަރުގެ ކުއްޖެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިއަދު އެކަނިވެސް ރާއްޖެއިން 18 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވިއެވެ. އަދި މުޅި ޖުމްލަ މިހާތަނަށް ރާއްޖެއިން ކޮވިޑް19 އަށް 128 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.