ކޮވިޑް19 އާ ގުޅިގެން އެކި ކަރަންޓީން ފެސިލީޓަކުން ކަރަންޓީން ފުރިހަމަ ކުރުމަށްފަހު 263 މީހަކު މިއަދު ދޫކޮށްލާފައިވާ ކަމަށް ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ރާއްޖޭގައި ގާއިމް ކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގައި ޖުމްލަ 1329 މީހަކު އެބަތިބި ކަމަށެވެ. އޭނާ ވިދާޅުވީ މިއަދު ކަރަންޓީން ފެސިލިޓީތަކުގައި ތިބެން ޖެހޭ މުއްދަތު ހަމަވެ ސާމްޕަލް ނެގުމަށްފަހު ނެގެޓިވި 263 މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އެމީހުން ދޫކޮށްލާފައި ވަނީ ކޮން ފެސިލިޓީތަކަކުން ކަމެއް މަބްރޫކް ހާމައެއް ނުކުރައްވައެވެ.
ކަރަންޓީން ނިންމާ އެންމެން ޓެސްޓު ކުރުމަށް ނިންމީ މިދިޔަ މަހުގެ 29ވަނަ ދުވަހުއެވެ. ކަރަންޓީންގައި ތިބޭ އެންމެން ކަރަންޓީންގެ މުއްދަތު ހަމަވެގެން ދޫކޮށްލާއިރު ކޮވިޑް19 އަށް ޓެސްޓު ކުރުމަށް ނިންމީ ކަރަންޓީ ކޮށްފައި ހުއްޓާ މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ކަރަންޓީންގައި ހުއްޓާ ކޮވިޑް19 އަށް ޕޮޒިޓިވްވި އެމީހާއަކީ އިނގިރޭސިވިލާތުން ރާއްޖެ އައި މީހުންގެ ތެރެއިން މީހެކެވެ. އެމީހާ މިހާރު ބަލިން ރަނގަޅުވެފައިވާ ކަމަށް މީގެކުރިން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މާލެއިން މި މަހުގެ 15ވަނަ ދުވަހު ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވުމާއި އެކުގައި އެ ބަލި މާލެތެރޭގައި އަންނަނީ ފެތުރެމުންނެވެ. މިއަދު އެކަނިވެސް ޖުމްލަ 18 މީހަކު މި ބައްޔަށް ޕޮޒިޓިވްވިއިރު މުޅި ޖުމްލަ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 128 އަށް ވަނީ އަރާފައެވެ.