ރާއްޖެއަށް ދިމާވާ ބޮޑެތި ހުރިހާ ކާރިސާތަކެއްގައި ވެސް އެންމެ ފުރަތަމަ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ނިކުންނަށް ބަޔަކީ ދިވެހި ސިފައިންނެވެ. ރައްޔިތުންނާއި ގައުމުގެ ހައްގުގައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވުމަށް މާތްﷲ ގަންދީ ހުވާ ކޮށްގެން ތިބި މި ސިފައިން މިއަދުވެސް މި ދައްކަމުން ގެންދަނީ އެ ހުވާގެ މަތީގައި ދެމި ތިބިކަމުގެ ފުރިހަމަ އަދި ލާމަސީލު ނަމޫނާއެކެވެ.
ކޮވިޑް19 ގެ ނުރައްކާތެރިކަމުން މުޅި ރާއްޖެ ހާސްކޮށްލާފައިވާއިރު ވެސް ސިފައިން އެމީހުންގެ ފުރާނަ އަތްމައްޗަށް ލައިގެން މި ނުރައްކާތެރި ވައިރަހުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް ލުޔެއް ހޯދައި ދެމުން އަންނަ އެއް ބަޔަކަށް ސިފައިން ވެގެން ދާނެއެވެ. ކާބޯތަކެތި އެއްތަނުން އަނެއް ތަނަށް ޑެލިވަރީ ކޮށްދިނުމަށް ސިފައިން ކޮށްމުން ގެންދާ މަސައްކަތަކީ ވަކި ކުޑަ މަސައްކަތެއް ނޫނެވެ. ވަރުބަލި ކަމެއް ނެތި ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ވެސް ސިފައިން އަންނަނީ ރައްޔިތުންނަށް ހިދުމަތް ކުރަމުންނެވެ.
މިއަދު ގުދަންތަކުގައި ހުރި ތަކެތި އާއްމުންނަށް ޑެލިވަރީ ކޮށްދިނުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަމުން އަންނައިރު މިކަމުގައި ފިރެހެން ސިފައިންގެ މީހެއް އަންހެން ސިފައިންގެ މީހެއް ނެތެވެ. ދެ ޖިންސުގެ ސިފައިން އަންނަނީ އެކަމުގައި ހަރަކާތްތެރިވަމުންނެވެ. މިކަމާ ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެހީއަށް ޖެހިފައިވާ މީހުންނަށް އެހީތެރިވެދޭއިރު އެއީ އަންހެނެއް ނުވަތަ ފިރިހެނެއްތޯ ނުވަތަ މަންމައެއް ނުވަތަ ބައްޕައެއް ނުވަތަ ދަރިއެއްތޯ ބެލުމުގެ ކުރިން އެމީހުންނަކީ ދިވެހި ސިފައިން ނުވަތަ ދިވެހި އަސްކަރިއްޔާ ކަމަށެވެ.
ސިފައިންގެ މި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ގިނަބަޔަކު އަންނަނީ މިކަމާއި ގުޅިގެން ސިފައިންނަށް ގިނަ ތައުރީފުތަކެއް ކުރަމުންނެވެ. އޭގެތެރޭގައި ދައުލަތުގެ އިސް މަގާމުތަކުގައި ތިބި މީހުންވެސް އަންނަނީ ސިފައިންނަށް ތައުރީފު ކުރަމުންނެވެ.
ޝުކުރު ހައްގު ސިފައިންގެ ބޭފުޅުން.... ބެސްޓް