ކޮވިޑް19 އާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދު ކުރި ނަމަވެސް ގޭގައި ތިބިގެން ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ރަސްމީ ގަޑިތައް ސަރުކާރުން އިއުލާންކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއާއި، ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 ގެ ނިޔަލަށް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ކަނޑައަޅުއްވާފައިވާ ކަމަށެވެ.

މި އަހަރުގެ ރަމަޟާން މަސް ފެށުނީ، ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ދުވަސްވަރެއްގައި ކަމަށްވާތީ، ރަމަޟާން މަހުގެ ދުވަސްތަކުގަޔާއި، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި، ސަރުކާރުގެ އޮފީސްތައް ނުހުޅުވައި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމާބެހޭ ގޮތުން ރައީސް އޮފީހުން ނެރުނު މި އަހަރުގެ 11 ވަނަ ނަންބަރު ދެންނެވުމުގައިވާ ގޮތަށް އަމަލު ކުރުމަށް މިއަދު ނެރުއްވި ދެންނެވުމުގައި ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮވިޑް19 އާއި ގުޅިގެން ސަރުކާރުގެ އޮފީސްތައްވަނީ ބަންދުކޮށްފައެވެ. ސަރުކާރުގެ އޮފީސްތައް ބަންދުކުރި ނަމަވެސް ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތްތައް ކުރުމަށް ބައެއް އޮފީސްތަކުގެ މަދު މުވައްޒަފުންނެއް މަސައްކަތަށް ނެރެއެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް މިދިޔަ ބުދަ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް މާލެ ސަރަހައްދުވަނީ ލޮކްޑައުން ކޮށްފައެވެ. އަދި އަތޮޅުތެރޭގެ ބައެއް ރަށްތައްވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުންވެސް ވަނީ މަނާ ކޮށްފައެވެ.