ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރިފައިވާ ކޮވިޑް19 ގެ ސަބަބުން އެކްސްޕޯޓު ކުރާ މިންވަރު ދަށްވެ ރާއްޖެއަށް ބޭރު ފައިސާ ލިބުން ދަތިވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، ރާއްޖޭގެ އެކްސްޕޯޓް 80 ޕަސެންޓަށްވުރެ ބޮޑަށް ހިއްސާ ކުރަނީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށެވެ. އެހެންކަމުން ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވާ މިންވަރުން އެކްސްޕޯޓާއި ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ މިންވަރު މަދުވެގެން ދާނެ ކަމަށެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، މަސް ބޭރު ކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން މަސް އެކްސްޕޯޓް ކުރާ މިންވަރާއި، ލިބޭ ބޭރުގެ ފައިސާ މަދުވެގެން ދާނެ ކަމަށެވެ. އަދި ބައެއް ދިމާލުން އިމްޕޯޓްދަށްވެ، އިމްޕޯޓް ކުރުމަށް ހޭދަކުރާ މިންވަރުވެސް ދަށްވެގެން ދާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިހާރު ރާއްޖޭގެ ގިނަ ރިސޯޓްތައް ލޮކްޑައުންކޮށް، ބަންދުކޮށްފައިވުމާއެކު ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު ދަށަށް ދާނެ ކަމަށް ބެލެވޭއިރު މި ސިނާއަތަށް ބޭނުންވާ އިމްޕޯޓްގެ މިންވަރުވެސް ދަށަށް ދާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިމާރާތް ކުރުމުގެ މަޝްރޫއުތައް މަޑުޖެހުމާއެކު އެކަމަށް ބޭނުންވާ ސާމާނު އެތެރެކުރާ މިންވަރުވެސް ދަށްވެގެން ދާނެ ކަމަށާއި، ޖުމްލަ ގޮތެއްގައި އާމްދަނީ ދަށްވާ މިންވަރު، އިމްޕޯޓް ދަށްވާ މިންވަރަށް ވުރެ ދަށްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ރިޒާވުން ހަރަދުކުރާ މިންވަރުވެސް އިތުރުވެގެން ދާނެ ކަމަށާއި، ރިޒާވަށް އަންނަ ދަތިކަން ފޫބެއްދުމަށް ވަގުތީގޮތުން ލިބެން ހުރި ވަސީލަތްތައް ބޭނުން ކުރެވޭނެ އަދި އެކްސްޗޭންޖް ރޭޓަށް އަންނަ ޕްރެޝަރު ކުޑަކުރެވިގެން ދާނެ ކަމަށެވެ.

މީގެ އިތުރުން ބޭރުފައިސާގެ ރިޒާވަށް ބަލާލާއިރު، މިހާރު ރާއްޖޭގައި ގްރޮސް ރިޒާވްގެ ގޮތުގައި 757 މިލިއަން ޑޮލަރު ހުރި އިރު، ޔޫޒެބަލް ރިޒާވްގެ ގޮތުގައި ހުރީ 300 މިލިއަން ޑޮލަރެވެ.