ރާއްޖެއިން އިތުރު 12 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު ޕޮޒިޓިވްވި ޖުމްލަ ކޭސްތަކުގެ އަދަދު 128 އަށް އަރާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އޭގެތެރޭގައި 60 ދިވެހިންނާއި 68 ބިދޭސީން ހިމެނޭ ކަމަށެވެ.
މިއަދު އެކަނިވެސް މުޅި ޖުމްލަ ރާއްޖެއިން 18 މީހަކު ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. އެންމެ ފުރަތަމަ މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދަކީ 6 މީހުންނެވެ. އޭގެތެރޭގައި ދެ ދިވެހިންނާއި ބަންގްލަދޭޝް ދެ މީހުންނާއި އިންޑިއާ އަދި ލަންކާއަށް ނިސްބަތްވާ އެކަކު ހިމެނެއެވެ.
ޕޮޒިޓިވްވި ކޭސްތަކާ ގުޅިގެން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހީމް އަފްޒަލް ވިދާޅުވީ މިރޭ ފަހުން ޕޮޒިޓިވްވި 12 މީހުންނަކީ މިރޭ ނޫސްވެރިންގެ ބައްދަލުވުން ފެށެން ގާތްވެފައި ވަނިކޮށް ޕޮޒިޓިވް ވިކަން އެނގުނު ބައެއް ކަމަށެވެ.
މިހާތަނަށް 5448 ސާމްޕަލް ނެގިފައިވާއިރު 5071 ސާމްޕަލް ވަނީ ނެގެޓިވް ވެފައެވެ. އައިސޮލޭޝަންގައި މިވަގުތު 125 މީހަކު ހުރިއިރު ކަރަންޓީން ފެސިލިޓީތަކުގައި 1329 މީހަކު އެބަތިއްބެވެ. މާލެއިން ކޮވިޑް19 ފެނިފައި ވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފައެވެ.