ކުރީގެ ސަރުކާރުން ހުޅުމާލޭގައި ގާއިމް ކުރަން ފެށި ފުޓްބޯލް ސްކޫލު ނިންމާ އެތަން ވަގުތީ ހިޔާއަކަށް ބަދަލުކޮށް ބޭނުން ކުރަން ފަށައިފިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލެ ފުޓްބޯލް ސްކޫލުގެ 24 ކޮޓަރި ރޭ ނިމިފައިވާ ކަމަށެވެ. މުހިއްމު އަދި އެކި ކަންކަމުގައި އެހީތެރިކަމަށް ބޭނުންވާ ފަރާތްތައް މިހާރު އެތަން ބޭނުން ކުރަން ފަށާފައިވާ ކަމަށް މިނިސްޓަރު މަހްލޫފު ވިދާޅުވިއެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނާއިބު ރައީސް ފައިސަލް ނަސީމްގެ ބެއްލެވުމުގެ ދަށުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދި ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް މަހްލޫފު ވިދާޅުވިއެވެ.

ހުޅުމާލޭގައި ގާއިމް ކޮށްފައިވާ ފުޓްބޯލް ސްކޫލަކީ 100 އަށްވުރެ ގިނަ ކުދިންގެ ޖާގައިގެ ސްކޫލެކެވެ. އެތަނުގައި ޓާފް ދަނޑަކާއި ކުދިންނަށް ދިރިއުޅެވޭނެ ގޮތަށް ހަދާފައިވާ އެކޮމަޑޭޝަން ބްލޮކެއް ވެސް ހިމެނޭއިރު ޖިމް އަދި މިސްކިތްވެސް އެތަނުގައި ހުރެއެވެ.

ކޮވިޑް19 މާލެއިން ފެނިފައިވުމާއި ގުޅިގެން މި މަހުގެ 15ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފައެވެ. އަދި ލޮކްޑައުންގެ މި ހާލަތުގައި ވަންނާނެ ތަނެއް ނެތް ކެއުން ބުއިން ވެސް ހަމަޖައްސާނެ ގޮތެއް ނެތް ގިނަ ބަޔަކަށް ސަރުކާރުން އަންނަނީ އެހީވަމުންނެވެ.