މިހާތަނަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އާ ދެކޮޅަށް ބަންގްލަދޭޝްގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން 250 އަށްވުރެ ގިނަ ޑޮކްޓަރުން މި ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.

މި ދަނޑިވަޅަކީ، ކޮވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ސިއްހީ ހިދުމަތްތެރިންގެ ހަށި ރައްކަލަށް ބޭނުންކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ)، އެކަށީގެންވާ މިންވަރެއްގައި ފޯރުކޮށްދިނުމަށް ބަންގްލަދޭޝްގެ ސަރުކާރު ފެއިލްވެފައިވާކަމުގެ ޚަބަރުތައް ފެންމަތިވަމުންދާ ދަނޑިވަޅެއްވެސްމެއެވެ.

ބަންގްލަދޭޝްގެ ޑޮކްޓަރުންގެ ފައުންޑޭޝަން (ބީޑީއެފް) އިން ބުރާސްފަތި ދުވަހު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 251 ޑޮކްޓަރެއް ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 200 އެއްހާ ޑޮކްޓަރުންނަކީ ވެރިރަށް ޑާކާގައި މަސައްކަތް ކުރާ ޑޮކްޓަރުން ކަމަށް މައުލޫމާތު ލިބެއެވެ.

ބަންގްލަދޭޝްގައި ސިއްހީ ހިދުމަތްތެރިންގެ ގިނަ ބަޔަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފަ/ފޮޓޯ: މަޙްމޫދު ހުސައިން އޯޕޫ

އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ބަންގްލަދޭޝްއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4186 އަށް އަރައެވެ. އަދި މި ބަލީގައި 127 މީހަކު އެގައުމުން މަރުވެފައިވާކަމަށްވެސް ރެކޯޑްތަކުން ދައްކައެވެ.

ބަންގްލަދޭޝްގެ ބްރެކް ޔުނިވާސިޓީއިން ދާދި ފަހުން ކުރިއަށްގެންދިޔަ ދިރާސާއެއް ދައްކާ ގޮތުގައި، ކޮވިޑް-19ގެ ޕޭޝަންޓުންނަށް ފަރުވާ ކުރުމުގައި ހަރަކާތްތެރިވާ 25 ޕަސެންޓް ޑޮކްޓަރުންނާ ނަރުހުން އަދި، ސަޕޯޓް ސްޓާފުންނާ ސިއްހީ ހިދުމަތްތެރިން 60 ޕަސެންޓް މީހުންނަށް ޕީޕީއީ އަދިވެސް ނުލިބެއެވެ.

މީޑިއާގައި ނަން ހާމަ ނުކުރުމަށްއެދި އަލްޖަޒީރާއާ ބަންގްލަދޭޝްއިން ވާހަކަ ދެއްކި ޑޮކްޓަރަކާ ހަވާލާދީ އެ ނޫހުން ބުނީ، ކޮވިޑް-19އާ ދެކޮޅަށް ޑޮކްޓަރުންނަށް އޮތް ހަތިޔާރަކީ ޕީޕީއީ ކަމަށާ، ނަމަވެސް ބަންގްލަދޭޝްގައި ޑޮކްޓަރުންނަށް މަސައްކަތް ކުރަން ޖެހިފައިވަނީ އެ ހަތިޔާރާވެސް ނުލާ ކަމަށެވެ.

ބަންގްލަދޭޝްގައި މިލިއަނެއްހާ ރޯހިންޏާ ރެފިއުޖީން ދިރިއުޅެމުންދާ ކޮކްސް ބާޒާރު ސަރަހައްދު/ފޮޓޯ: ސުޒާއުއްދީން ރުބެލް

ކަންމިހެން އޮތްއިރު، ބަންގްލަދޭޝްގެ ހެލްތް ވޯކަރުން ދަނީ ފޯރުކޮށްދީފައިވާ ޕީޕީއީގެ ކޮލިޓީ ދަށް ކަމުގެ ޝަކުވާވެސް ކުރަމުންނެވެ. ކޮވިޑް-19އަށް ބަންގްލަދޭޝް ސަރުކާރުން ހާއްސަކޮށްފައިވާ ހޮސްޕިޓަލެއްގައި މަސައްކަތް ކުރައްވާ ފިޒީޝަންއެއް ކަމަށްވާ އަނީސް އަހުމަދާ ހަވާލާދީ އަލްޖަޒީރާއިން ބުނީ، ސިއްހީ ހިދުމަތްތެރިންނަށް ދީފައިވަނީ އެކަށީގެންވާ ފެންވަރުގެ ޕީޕީއީ އެއް ނޫންކަމަށާ، ދީފައިވަނީ ވިއްސާރަ ކޯޓުތަކެއް ޒާތުގެ އެއްޗެއް ކަމަށެވެ. އަދި ޕީޕީއީއަކީ އެއްފަހަރު ބޭނުންކުރަން ކަނޑައަޅާފައިވާ އެއްޗެއް ނަމަވެސް، ދެތިން ފަހަރު އެއް ގިއަރެއް ބޭނުންކުރަން އަންގާފައިވާކަމަށްވެސް ޚަބަރު ލިބެއެވެ.

ބަންގްލަދޭޝް ސަރުކާރުގެ އިންސްޓިޓިއުޓް އޮފް އެޕިޑޮމޮލޮޖީ ޑިޒީޒް ކޮންޓްރޯލް އެންޑް ރިސާޗްގެ ޑައިރެކްޓަރެއް ކަމަށްވާ މީރުޖާދީ ސަބްރީނާ ފްލޯރާވެސް ވަނީ، އެކަށީގެންވާ މިންވަރަށް ޕީޕީއީ ނުލިބުމުގެ މައްސަލަ އުޅޭކަމަށް އިއުތިރާފުވެވަޑައިގެންފައެވެ. އަދި މިއީ ހަމައެކަނި ބަންގަލަދޭޝްއަށް އޮތް މައްސަލައެއް ނޫންކަމަށާ، އެކި ފަރާތްތަކާ ގުޅިގެން މިކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ބަންގްލަދޭޝްގައި ކޮވިޑް-19އަށް ޕޮޒިޓިވްވި ޑޮކްޓަރުން މިހާރު ތިބީ ކަރަންޓީނުގައެވެ. އެމީހުން މަސައްކަތްކުރި ވޯޑު މިހާރު ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ބަންދުކޮށްފައެވެ.

ބީޑީއެފްއިން ބުނާ ގޮތުގައި ބަންގްލަދޭޝްގެ އެކި ހިސާބުތަކުން 11 ހޮސްޕިޓަލެއްގެ އިންޓެންސިވް ކެއާ ޔުނިޓްތަކާ އާންމު ވޯޑުތައް މިކަމުގެ ސަބަބުން ވަނީ ބަންދު ކުރަންޖެހިފައެވެ.

ވޯލްޑް ބޭންކުގެ ރެކޯޑްތަކަށް ބަލާއިރު، (2017 ވަނަ އަހަރު) ބަންގްލަދޭޝްގެ އާބާދީގެ ކޮންމެ 1000 މީހަކަށް ހުރީ 0.5 ޑޮކްޓަރުންނެވެ. މިއީ ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް އެންމެ ދަށް އެއް މިންވަރެވެ.

ކަންމިހެން އޮތްއިރު ބަންގްލަދޭޝްއިން ފެންމަތިވަމުން އަންނަ އެންމެ ނުރައްކާތެރި އަނެއް މައްސަލައަކީ ބަލީގެ އަލާމާތްތައް ހުންނަ މީހުންވެސް އެކަން ސިއްރު ކުރަމުންދާ މައްސަލައެވެ. މީގެ އިތުރުން މިކަމާ ގުޅުންހުރި މައުލޫމާތު ސިއްރުކުރަމުންދާ މައްސަލަވެސް ވަނީ ބޮޑުވެފައެވެ. އާންމުން މިކަން މިހެން ކުރަނީ ކޮވިޑް-19އާ ގުޅިގެން މުޖުތަމައުގެ ގަބޫލުކުރުންތައް ހުންނަ ގޮތުންނާ، އިޖުތިމާއީ އެކަހެރި ކަމަށް ނުވަތަ ކަރަންޓީނަށް ފިލުމުގެ ގޮތުން ކަމަށްވެއެވެ.

ކޮވިޑް-19އަށް އިންފެކްޓްވެއްޖެނަމަ އެމީހެއްގެ ގެ ލޮކްޑައުން ކުރާނެ ކަމާ، އާއިލާގެ މެމްބަރުންނާ މެދު ނޭދެވޭ ގޮތްގޮތަށް އަމަލު ކުރެވޭނެ ކަމުގެ ބިރުވެރިކަން ބަންގްލަދޭޝްގެ އާބާދީގައި ބޮޑުވެފައިވާކަމަށް ޚަބަރު ލިބެއެވެ.

ކޮވިޑް-19އަށް ހާއްސަކޮށްފައިވާ ހޮސްޕިޓަލުތަކެއް ހުރި ނަމަވެސް، އާންމު އެހެން ހޮސްޕިޓަލުތަކާ ޕްރައިވެޓް ހޮސްޕިޓަލުތަކަށްވެސް އަލާމާތްތަކާއެކު ދާ މީހުން އުޅޭ ކަމަށް މައުލޫމާތު ލިބެއެވެ.

ބަންގްލަދޭޝްގެ ސިއްހަތާ ބެހޭ ވަޒީރު ޒާހިދު މާލިކީ ވިދާޅުވީ މިއީވެސް ސިއްހީ ހިދުމަތްތެރިންނާ ޑޮކްޓަރުން އިންފެކްޓް ވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބު ކަމަށެވެ.