މާލެއިން ކޮވިޑް19 އަށް އިތުރު 6 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ދެ ދިވެހިންނާއި ބަންގްލަދޭޝް ދެ މީހުންގެ އިތުރުން ސްރީލަންކާ އަށް ނިސްބަތްވާ މީހަކާއި އިންޑިއާ އަށް ނިސްބަތްވާ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި ހަ މީހުންނާއި އެކު މުޅި މާލެއިން މި މަހުގެ 15ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް 96 މީހަކު މިވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ.

މި ހަ މީހުންނާއި އެކު މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 116 އަށް އަރާފައެވެ. މާލެއިން މި ބަލި ފެނުމާއި އެކު މި ބަލި އަންނަނީ ހަލުވިކަމާއި އެކު މާލެ ތެރޭގައި ފެތުރެމުންނެވެ. އަދި މި ބަލި މާލެއިން ފެނުމާއި އެކު މާލެ ސަރަހައްދު ވަނީ 14 ދުވަހަށް ލޮކްޑައުން ކޮށްފައެވެ. މީގެއިތުރުން އެއް ރަށުން އަނެއް ރަށަށް މީހުން އެރުން ވެސް ވަނީ މަނާކޮށްފައެވެ.