ހަމަ ލޮލަށް ނުފެންނަ ކުޑަކުޑަ މަހުލޫގެއްގެ ސަބަބުން މުޅި ދުނިޔެ ނުތަނަވަސްކަމެއްގެ ތެރޭގައިވާ މި ދަނޑިވަޅުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން މުސްލިމުންނެއް މިއަދު، 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޯދަ ހިފަން ފަށައިފިއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކަލުގެ ތެރޭގައި އެތައް މިލިއަން ބަޔަކު ލޮކްޑައުންވެ، ގޭބަންދުވެފައިވާ ހާލުގައި ރަމަޟާން މަހާ ކުރިމަތިލާފައި މިވަނީ، މިސްކިތު ޖަމާއަތްތައްވެސް ގިނަ ގައުމުތަކެއްގައި މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައެވެ.

ރަމަޟާން މަހަކީ ދުރު ހިސާބުތަކުގައި އުޅޭ އާއިލާ މެމްބަރުން އެއްތަނަކަށް ޖަމާވެ، ރޯދައިގެ އަޅުކަމާ، އެނޫންވެސް އާދަކާދަތަކުގައި މަޝްހޫލުވެގެން އުޅޭ ދުވަސްވަރަކަށް ވީ ނަމަވެސް، މި ފަހަރުގެ ރަމަޟާން މަހާ ކުރިމަތިވެފައިމިވަނީ ދަތުރުފަތުރު ހުއްޓި، އިޖުތިމާއީ ގައިދުރުކަން އިސްކުރަންޖެހިފައިވާ ހާލުގައެވެ.

ދުނިޔޭގެ ނިސްބަތުން މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނޭޝިއާއަށްވެސް މިއީ ތަފާތު މަހެކެވެ. ނަމަވެސް އިންޑޮނޭޝިއާގެ ދީނީ ބައެއް ޖަމާއަތްތަކުންވަނީ ޖަމާއަތުގައި ނަމާދު ކުރުން ފަދަ ބައެއް ކަންކަން ކުރަން ފަށާފައެވެ. ޕާކިސްތާނުގައިވެސް ކަން އޮތީ މިފަދަ ގޮތަކަށް ކަމަށްވާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިންވަނީ ރަމަޟާން މަހުގެ ބައެއް އާދަތައް މަޑުޖައްސާލުމަށް އިލްތިމާސް ކޮށްފައެވެ.

މިކަމަށް އެއްބާރުލުންދޭ ގައުމުތައް ނިސްބަތުން ގިނައެވެ. އެގޮތުން ރަމަޟާން މަހަށް ހާއްސަކޮށްގެން ހިންގާ ބައެއް ބޮޑެތި ބާޒާރުތައްވެސް މިއަހަރު ކުރިއަކަށް ނުގެންދެއެވެ.

ސައުދީ އަރަބިއްޔާއަށް ބަލާއިރުވެސް ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ދަނީ ތަންފީޒު ކުރަމުންނެވެ. ސައުދީ އަރަބިއްޔާގެ ސަލްމާން ރަސްގެފާނު ވަނީ، މި ބަރަކާތްތެރި މައްސަރުގައި އަޅުކަން ކުރުމަށް މިސްކަތްތަކަށް ޖަމާނުވެވޭކަން ފާހަގަކުރައްވާ، އެކަމާ އިންތިހާއަށް ހިތާމަކުރައްވާކަން ފާޅުކުރައްވާފައެވެ.

މިދަނޑިވަޅަކީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޔަމަނަށްވެސް ކޮވިޑް-19ގެ ނުރައްކާ ކުރިމަތިވެފައިވާ ދަނޑިވަޅެކެވެ. މި ރަމަޟާން މަހު އެންމެ ދަތި ހާލެއްގައި އުޅޭނެ އެއް ބަޔަކީވެސް ޔަމަނުގެ ރައްޔިތުންނެވެ. އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސްގެ ވަފުދުން ބުނާ ގޮތުގައި، ޔަމަނުގެ ރައްޔިތުން ރަމަޟާން މަހާ ކުރިމަތިލާފައި މިވަނީ ހަނގުރާމަގަނޑުގެ ތެރޭގައެވެ. މޫސުމީ ބަލިތަކާ، ފެންބޮޑުވުމުގެ ހާދިސާތަކާ، ކާބޯތަކެތީގެ އަގު އުފުލިގެން ދިއުމުގެ ތަދުކަމުގެ ތެރޭގައެވެ. ކަންމިހެން އޮތްއިރު، ޔަމަނުގެ އަބާދީގެ 3 ބައިކުޅަ 2 ބައި މީހުންނަކީ އެކަށީގެންވާ މިންވަރަކަށް ކާބޯތަކެތި ހޯދުމުގެ ތަނަވަސްކަން ނެތް ނުވަތަ އެފަދަ ފުރުސަތެއް ނެތް މީހުންކަންވެސް ރެޑް ކްރޮސްއިންވަނީ ފާހަގަކޮށްފައެވެ.

ޔަމަނުގެ އިތުރުން ސޫރިޔާ، މިސްރު، ތޫނިސް، އުރުދުން އަދި ބަހްރައިންއަށްވެސް މިއަދަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ވަނީ އިއުލާންކޮށްފައެވެ.