ވެމްކޯގެ މުވައްޒަފަކު ގެއިން ނެރެލީ އެކުންފުނީގައި މަސައްކަތް ކުރަމުން ދާތީ ނޫން ކަމަށް ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޝަން ލިމިޓެޑު (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނީ ސޯޝަލް މީޑިއާއާ އަދި ބައެއް ހަބަރު ފަތުރާ ވަސީލަތްތަކުގައި އެ ކުންފުނީގެ މުވައްޒަފަކު ދިރިއުޅެމުން ދިޔަ ގެއިން ނެރެ މަގުމަތިކުރި ކަމުގެ ހާދިސާގައި ކަން ހިނގާދިޔަ ގޮތް ބެލުމަށް ވަކި ކޮމެޓީއެއް ނަގައިގެން އެ ކުންފުނިން ބަލާފައިވާ ކަމަށެވެ. އަދި އެ މުވައްޒަފާއި އެ މުވައްޒަފު ދިރިއުޅުނު ގޭގެ ވެރި ފަރާތާއި ވެސް ބައްދަލު ކޮށްފައި ވާނެ ކަމަށް ވެމްކޯ އިން ބުނެއެވެ.

އެގޮތުން އެކަން ހިނގާދިޔަ ގޮތް ބެލުމުގައި ފާހަގަވީ ކަމަކީ އެ ހާދިސާ ހިނގާފައި ވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ގޮތަށް ނޫން ކަމަށެވެ. އެ މުވައްޒަފު ވެމްކޯގައި މަސައްކަތް ކުރާތީ ކުރިމަތިވި ކަމެއް ނޫންކަން ފާހަގަ ކުރެވިފައި ވާ ކަމަށް ވެމްކޯއިން ބުނެއެވެ.

ދޭދޭ ފަރުދުންގެ ދެމެދުގައި ހިނގާ މިފަދަ ހާދިސާތައް މަސްލަހަތު ގެއްލޭނެހެން އަދި ކަމުގެ ހަގީގަތް އޮޅޭނެހެން ސޯޝަލް މީޑިއާގައި އާއްމު ނުކުރުމަށް އެކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކަމުގެ ހަގީގަތް ނުބަލާ ސޯޝަލް މީޑިއާގައި މި މައްސަލަ އާއްމުކުރި ކުންފުނީގެ މުވައްޒަފުންވެސް މައްސަލައިގައި ޝާމިލުވާ ފަރާތްތަކުގެ އަރިހުން މައާފަށް އެދިފައިވާ ކަމަށް ވެމްކޯގެ ބަޔާނުގައި ބުނެފައިވެއެވެ. މި މައްސަލާގައި ޝާމިލުވާ އެއްވެސް ފަރާތެއްގެ އަބުރު ކަތިލުމުގެ އަމަލެއް ސޯޝަލް މީޑިއާގައި ނުހިންގުމަށް އެކުންފުނިން ވަނީ ރަކުރާރުކޮށް އިލްތިމާސް ކޮށްފައެވެ.

ސޯޝަލް މީޑިއާގައި ފައުރުވަމުންދާ ހަބަރުތަކުން ބުނާ ގޮތުގައި ވެމްކޯގެ އެ މުވައްޒަފު ގެއިން ނެރެލާފައި ވަނީ ވެމްކޯގައި މަސައްކަތް ކުރާތީ، ކޮވިޑް ޖެހިދާނެ ކަމުގެ ބިރަށްޓަކައެވެ. ނަމަވެސް އެކަން ބެލުމަށްފަހު ވެމްކޯއިން ކަމުގެ ހަގީގަތް ހާމަކޮށްފައިވާއިރު، ކޮވިޑް-19އާ ގުޅިގެން އެކި ސަބަބުތަކަށްޓަކައި އުޅޭނެ ތަނެއް ނެތި، ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަ ބަޔަކު ދަނީ މަގުމަތި ވަމުންނެވެ. މިކަމާއި ގުޅިގެން އެފަދަ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަން ސަރުކާރުން ކުރިން ވަނީ ހާމަކޮށްފައެވެ.

ދިރިއުޅެމުން ދިޔަ ތަނަށް ކުލި ނުދެއްކުމުން، ގެއިން ނެރެލި ދެ މީހަކަށް ސަރުކާރުން ވަނީ އެހީވެފައެވެ. މިހާތަނަށް މާލެ ސަރަހައްދުން މަގުމަތިވި 80 މީހުނަށް ވުރެ ގިނަ މީހުން ޖެންޑާ މިނިސްޓްރީއާ ހަވާލުކޮށްގެން އެ މިނިސްޓްރީގެ ވަގުތީ ހިޔާތަކަށް ވަނީ ގެންގޮސްފައެވެ.