ދޯންޏެއް ވަގަށް ނަގައިގެން ރ. މާކުރަތަށް ދިޔަ ހަތަރު ދިވެހިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ރޭ 12:15 ހާއިރު ރ. އުނގޫފާރު ފަޅުގައި އޮތް ދޯންޏެއް އެ ދޯނީގެ ވެރިފަރާތަށް ނޭނގި، ވަގަށް ނަގައިގެން ރ. މާކުރަތަށް ގޮސްފައިވާ މައްސަލައެެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ދިވެހި 4 ފިރިހެނެއް ހައްޔަރު ކޮށްފައި ވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެ މީހުން ހައްޔަރު ކޮށްފައި ވަނީ ރޭ ދަނވަރު 12:50 ހާއިރެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، އުމުރުން 18 އަހަރުގެ ދެ މީހަކާއި 28 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެކެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮވިޑް-19 ފެތުރެމުންދާތީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފައިވާ މި ދަނޑިވަޅުގައިއެއް ރަށުން އަނެއް ރަށަށް މީހުން ދާ ކަމުގެ ޝާކުވާތައް އަންނަ ކަން ފާހަގަކުރެވެއެވެ. މި ދަނޑިވަޅުގައި އެބަޔަކު ތިބި ރަށެއްގައި ތިބުމަށާއި ކޮންމެހެން ދަތުރު ކުރަންޖެހިއްޖެ ހާލަތުގައި ފުލުހުންނަށް ނުވަތަ އެޗްޕީއޭއަށް ގުޅުމަށް އެދިފައި ވެއެވެ.