ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ރާއްޖެއިން ފެނި ރާއްޖޭގައިވެސް މިހާރު ފެތުރެން ފަށާފައިވާ އިރު ކޮވިޑް-19ގެ ޕޮޒިޓިވް އިތުރު ކޭސް އެއް އިއުލާން ނުކުރާތާ 24 ގަޑިއިރު ވެއްޖެއެވެ.

އެންމެ ފަހުން ޕޮޒިޓިވް ކޭހެއް ފެނުނު ކަމަަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއުލާން ކޮށްފައި ވަނީ އަންގާރާ ދުވަހުގެ ދަންވަރު 02:24 ގައެވެ. އެޗްޕީއޭން ބުނީ ޕޮޒިޓިވް ވެފައި ވަނީ ފްލޫ ކްލިނިކުން ދެއްކި ދެ ދިވެހިންގެ ސާމްޕަލް ކަމަށެވެ.

މި ދެ މީހުންއާ އެކު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 66 އަށް އަރާފައެވެ. މީގެ ތެރޭގައި 4 ކުޑަކުދިން ހިމެނެއެވެ. އަދި އުމުރުން 80 އަހަރުން މަތީގެ މީހެއްވެސް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 45 ބިދޭސީންނާއި 40 ދިވެހިންނެވެ.

މާލެއިން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވް ކޭހެއް ފެނިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހެވެ. ހަމަ އެދުވަހު އިތުރު ކޭހެއްވެސް ފެނިފައިވެއެވެ. 16 ވަނަ ދުވަހު އިއުލާނުކުރީ އެއް ކޭސް ނަމަވެސް 17 ވަނަ ދުވަހު އެ އަދަދު ވަނީ ފަހަކަށް އެރާފައެވެ. 18 ވަނަ ދުވަހު ޕޮޒިޓިވެ ވި މީހުންގެ އަދަދު ހަތަކަށް އެރާ، 19 ވަނަ ދުވަހު އެ އަދަދު 17 އަށް އެރިއެވެ. އަދި 20 ވަނަ ދުވަހު އެ އަދަދު 15 އަށް ދަށްވުމަށް ފަހު 21 ވަނަ ދުވަހު 16 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވިކަން އިއުލާނު ކުރިއެވެ. 22 ވަނަ ދުވަހު އިއުލާނު ކުރީ ޕޮޒިޓިވް ދެ ކޭހާ އެކު މިހާތަނަށް އަދި އިތުރު ކޭހެއް އިއުލާން ކޮށްފައެއް ނުވެެއެވެ.

އެޗްޕީއޭ އިން އެންމެ ފަހުން އާއްމުކޮށްފައިވާ މައުލޫމާތުގައި ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 85 އެވެ. ބަލި ޖެހި މިވަގުތު ފަރުވާ ކުރަމުންދާ މީހުނެގެ އަދަދަކީ 68 އެވެ. އެއީ ބޭރުގައި ފަރުވާ ދެމުން އަންނަ އިޓަލީ 2 މީހުންނާއިއެކުއެވެ. މިހާތަނަށް ނަތީޖާ ސާބިތުނުކުރެވޭ ދެ މީހަކު ތިބި އިރު، ޕްރޮބެބުލް (ށައްކުވާ ކޭސް) ގެ ގޮތުގައި ދެ މީހުން ހިމެނެއެވެ.

ކަރަންޓީނުގައި ތިބި އަދަދު 184 އަށް އަރާފައިވާއިރު، ޓެސްޓް ކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 4696 އަށް އަރާފައެވެ. މިހާތަނަަށް ޕޮޒިޓިވް ވި މީހުންނާ ކޮންޓެކްޓް ޓްރޭސްވި މީހުން ހޯދައި ޖުމްލަ 2391 ކޮންޓެކްޓް ޓްރޭސް ކުރެވިފައި ވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.