ކކޮވިޑް-19 މާލެގައި ފެތުރެމުންމިދާ ދަނޑިވަޅުގައި ލޮކްޑައުން ކޮށްފައިވާ އިރު ހާލުގައި ޖެހި ކާބޯތަކެތީގެ އެހީތެރިކަން ބޭނުން ވެފައިވާ 14 އާއިލާއަކަށް ކާބޯތަކެތި ފޯރުކޮށްދީފިއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ މިދުވަސްވަރު ހާލުގައި ޖެހޭ މީހުންނާއި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ކަމަށާއި ކާބޯތަކެތީގެ އެހީތެރިކަން ބޭނުންވެފައިވާ 14 އާއިލާއަކަށް ފެމިލީ ލީގަލް ކްލިނިކާއި އާކް ގުޅިގެން މިދިޔަ ދެ ދުވަހު އެހީ ފޯރުކޮށްދީފައި ވާނެ ކަމަށެވެ.
މީގެ އިތުރުން ވިމެންސް އާޓްސް އެންޑް ކްރާފްޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން އެހެން ދެ އާއިލާއަކަށް ވެސް މިނިސްޓްރީން އަންނަނީ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
ލޮކްޑައުންގެ ހާލަތުގައި މާލޭގެ ބައެއް ގޭގެއިން މީހުންނަށް ކުލި ނުދެއްކުމުގެ ސަބަބުން ގެއިން ނެރެލި މައްސަލައެއް ވަނީ އައިސްފައެވެ. ހަމައެއާއެކު ރޯދަމަސް ގާތްވެފައިވާ މި ދަނޑިވަޅުގައި ކާބޯތަކެތީ ނުލިބުގެ އެތައް މައްސަލަތަަކެއްވެސް ފުލުހުންނަށް އަންނަނީ ރިޕޯޓު ކުރަމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ މި ދަނޑިވަޅުގައި ކުލި ނުދެއްކުމުގެ ސަބަބުން ގޭގެއިން މީހުން ނެރެނުލުމަށް ގޮވާލައްވާފައެވެ. އަދި މާލޭގެ މަގުމަތީގައި ހާލުގައި ޖެހިފައިވާ 87 ފަރާތަކަށް ޖެންޑާ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވެފައި ވެއެވެ. އޭގެތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް ހިމެނެއެވެ.
ވަގުތީ ހިޔާގެ ގޮތުގައި އިމާދުއްދީން ސުކޫލާއި ގާޒީ ސުކޫލާއި ރެހެންދި ސުކޫލް ދަނީ ބޭނުން ކުރަމުންނެވެ.