އެފްރިކާ، މެދުތެރޭ އަދި ދެކުނު އެމެރިކާ ސަރަހައްދަށް ބަލާއިރު ބަލިމަޑުކަމެއްގެ ކުރީކޮޅުގައި ފެންނަ އަލާމާތްތައް ކަންބޮޑުވާ ދަރަޖައަކަށް ފެންނަމުންދާ ކަމަށާ، ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމު އަލުން ހުޅުވާލަން ވާނީ ވަރަށް ފަރުވާތެރިކަމާ އެކުގައި ކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ދެއްވައިފިއެވެ.
ސުވިޒަލަންޑްގެ ޖެނީވާގައި ވާޗުއަލްކޮށް ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، ގިނަ ގައުމުތަކެއް އަދިވެސް އޮތީ ބަލިމަޑުކަމުގެ އެންމެ ކުރީކޮޅުގައި ކަމަށާ، މި ބަލިމަޑުކަން ފެށިގެން އައި ދުވަސްވަރު އެކަމުގެ އަސަރު ކުރި ގައުމުތަކަށް ދެވަނަ އޮއެވަރެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.
އެއްވެސް ފަރާތަކުން މިކަމުގައި ގޯހެއް ހަދައިގެން ނުވާނެކަން ފާހަގަ ކުރައްވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، ކަޑަތު ކުރަން އޮތީ ދިގު ރާސްތާއެއް ކަމަށެވެ. އެގޮތުން ކޮވިޑް-19 ޖައްސާ ވައިރަސް އަހަރަމެންނާއެކު ގިނަ ދުވަސްތަކެއް ވާންދެން އުޅޭނެ ކަން ޑރ ޓެޑްރޯޒް ވަނީ ފާހަގަކުރައްވާފައެވެ.
ކަންމިހެން އޮތްއިރު، ކުއްލި ނުރައްކާތަކާ ބެހޭ ޑަބްލިއު.އެޗް.އޯގެ އިސް ތަޖުރިބާކާރު ޑރ މައިކް ރާޔަންވެސް ވަނީ، ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމު އަލުން ހުޅުވާލުމާ ދެކޮޅަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އެގޮތުން މި ކަމަކީ، ވަރަށް ފަރުވާތެރިކަމާއެކު ނުރައްކާތައް އެސެސް ކުރެވިގެން މެނުވީ ކޮށްގެންވާނެ ކަމެއް ނޫންކަމަށްވެސް ޑރ ރާޔަން ވަނީ އިންޒާރު ކުރައްވާފައެވެ.
ދުނިޔޭގެ އެންމެ ދެކުނު ތަނޑި، ނުވަތަ އެންޓާޓިކާ ފިޔަވާ އެހެން ހުރިހާ ހިސާބަކުން ކޮވިޑް-19ގެ ކޭސްތައް ވަނީ ފެނިފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން 210 އަށްވުރެ ގިނަ ގައުމާ ސަރަހައްދުން، 2.6 މިލިއަން މީހުން ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.