ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެމެރިކާގެ ނިއުޔޯކް ސިޓީގައި މީހަކު އޮޅުކޮށްގެން ގެންގުޅުނު 2 ބުޅަލެއް މި ރޯގާއަށް ޕޮޒިޓިވްވެއްޖެއެވެ.

މިއީ އެމެރިކާއިން މިފަދަ ކަމެއް ރިޕޯޓްކުރި ފުރަތަމަ ފަހަރެވެ.

ކަންމިހެން އޮތް ނަމަވެސް، މިވަގުތު އަދި ހާސް ނުވުމަށާ، އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުގެ ކިބައިން އިންސާނުންގެ ހަށިގަނޑަށް ވައިރަސް ފެތުރިދާނެ ކަމުގެ އެއްވެސް ހެއްކެއް އަދި ލިބިފައި ނުވާކަމަށް އެމެރިކާގެ މެޑިކަލް އެކްސްޕާޓް ޑރ އެންތަނީ ފައޫޗީ ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން ބުނާ ގޮތުގައި، މި ބުޅާތަކަށް ކޮވިޑް-19 ޖެހިފައިވަނީ އެ ބުޅާތައް އޮޅުކޮށްގެން ގެންގުޅުނު ފަރާތުގެ ކިބައިން ނުވަތަ އަވަށްޓެރި ހިސާބުތަކުން ކަމަށް ބެލެވޭ ކަމަށެވެ.

ޕޮޒިޓިވްވެފައިވާ ބުޅާތަކުގެ ނޭވާލާ ނިޒާމުން ބަލި ފެނިފައި ވާއިރު، މި ބުޅާތައް ނިއުޔޯކްގެ އެކި ހިސާބުތަކަށް ގޮސްފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިއީ ޖަނަވާރަކަށް ކޮވިޑް-19 ޖެހުނުކަން ރިޕޯޓްކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން ނިއުޔޯކްގެ ބްރޮންކްސް ޒުލުގައި 5 މިނިކާވަގަކާ 3 ސިންގާއެއް މި ވައިރަހަށް ޕޮޒިޓިވް ވެފައި ވާކަމަށް މީގެ ކުރިން ވަނީ ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން ހޮންގްކޮންގްގައި ކުއްތާތަކެއްގެ ހަށިގަނޑުންވެސް މި ވައިރަސް ފެނުނު ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.