ބިދޭސީން އުޅޭ ތޮށްޖެހިފައިވާ ތަންތަން މޮނިޓާ ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން އެބަގެންދެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މިހާތަނަށް ބިދޭސީން އުޅޭ 6 ތަނެއް ފުލުހުން މޮނިޓާ ކުރަމުން ގެންދާ ކަމަށެވެ. އަދި މިފަދަ ތަންތަން ފުލުހުން މޮނިޓާ ކުރަމުންދާއިރު، ޒަރޫރީ ބޭނުމެއްގައި ފިޔަވައި އެފަދަ ތަންތަނުން މީހުންނަށް ނިކުމެ ނޫޅެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެެ.

ފުލުހުން ބުނީ، މިކަން ކުރަމުންދަނީ، މާލޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ މާލޭގައި ދިރިއުޅޭ ބިދޭސީންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ދިރިއުޅޭ ތަންތަނުގެ ހާލަތު ހުރި ގޮތުންކަމަށެވެ. އަދި މިހެންކަމުން ބިދޭސީންގެ މެދުގައި މި ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެއެވެ.

ގިނަ އަދަދެއްގެ ބިދޭސީން އެއްކޮށް ދިރިއުޅޭ ތޮށްޖެހިފައިވާ ތަންތަނަށް މީހުން ވަންދެ ނިކުމެ އުޅުން ކޮންޓްރޯލްކޮށް މޮނިޓާ ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. މިފަދަ ތަންތަން މޮނިޓާ ކުރަމުން ދަނީ މިމަހު 21 ވަނަ ދުވަހުން ފެށިގެން ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، މިއީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް ހުއްޓުވުމަށްޓަކައި އެޅޭ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.