ދަރުމަވަންތައަށް ގެންދިޔަ 80 އަހަރުގެ މީހާގެ ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ ސާމްޕަލް ނުނަގާ ކަން "ދަ ޕްރެސް" އަށް އެނގިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އާއިލާގެ އެއްވެސް މީހެއްގެ ސާމްޕަލް އަދި ނަގާފައި ނުވެއެވެ. ހަމަ އެއާއެކު ގެ މޮނިޓަރިންގެ ލިސްޓަށް ލީވެސް މިއަދު އިރުއޮށްދެނިކޮން ކަން ވަނީ އެނިފައެވެ. ނަމަވެސް އެ ލިސްޓް އެޗްޕީއޭއަކުން އަދި އާންމެއް ނުކުރެއެވެ.

އެ މީހާ އަކީ ބަލި މީހެއް ކަމަށް އެޗްޕީއޭން ބުނެފައި ވާއިރު، އެ މީހާ ސާފުތާހިރު ކޮށް ކާންބޯން ދީ ހެދުމަށް މީހެއްގެ އެހީ ބޭނުންވާ ވާއިރު، އެމީހުންގެ ސާމްޕަލް ނަގާފައި ނުވަނީ ކީއްވެތޯ ސުވާލު އުފެދެއެވެ. އެ ބަލިމީހާ އޮތް ކޮޓަރިއަށް އެގޭގެ އެންމެން ކަހަލަ ގޮތަކަށް ވަދެ ނުކުމެ އުޅުނު އިރު އޭގެތެރޭގައި ކުޑަ ކުދިންވެސް ހިމެނޭކަން ވަނީ އެނގިފައެވެ.

ސުވާލު އުފަންދަން ޖެހޭ އަނެއް ކަމަކީ، "ކާވް ފްލެޓް ކުރަން" މަސައްކަތް ކުރާއިރު ޑައިރެކްޓް ކޮންޓެކްސް ސާމްޕަލް ނުނަގާ، ކަރަންޓީނު ނުކޮށް އަދި ފަރުވާއެއް ނުދީ ކާވް ފްލެޓް ކުރާނެ ގޮތެކެވެ.

މިކަމާ ގުޅިގެން އެޗްޕީއޭގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުގައި އަދި މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުން މާލެ ތެރެއިން ގިނަ އަދަދަކަށް ފެނި ޑައިރެކްޓް ކޮންޓެކްޓް ވި މީހުން، އެމީހުންގެ ޓެސްޓް ހަދަން ހެޗްޕީއޭއިން ނުގޮސްގެން އެތައް ބަޔަކު ސޯޝަލްމީޑިއާގައިވެސް އެވާހަކަ ދައްކާފައި ވެއެެވ. އަދި މިއަދު ޕޮޒިޓިވް ވި، އެސްޓީއޯގެ މުވައްޒަފާ ކޮންޓެކްޓް ވި ބައެއް މީހުންވެސް ނުތަނަވަސްކަން ފާޅުކޮށް ހަދާފައިވެއެވެ. އެމީހުންގެ ބަހަކީ، އެއީ ޑައިރެކްޓް ކޮންޓެކްޓަށް ވާއިރު، ގެއަށް އަނބިދަރިން ކައިރިއަށް މިހާރު ދާން ބޭނުން ނުވާ ކަމަށާއި، އެމީހުންނަށް ޑިއުޓީ ކުރެވޭ ގޮތަށް އެކޮމަޑޭޝަން ހަމަޖައްސައި ދިނުމަށެވެ.

ދަރުމަވަންތައަށް ގެންދިޔަ 80 އަހަރުގެ މީހާގެ ހާލު ސީރިއަސް ނޫން ނަމަވެސް އޮތީ އައިސީޔޫގައި ކަމަށް އެޗްޕީއޭން ހާމަކޮށްފައި ވަނީ މިއަދެވެ. އެ އުމުރުގެ އާންމު މީހެއްގެ އޮކްސިޖަން ލެވެލް 98 ޕަސެންޓުގައި ހުންނަ އިރު، އައިސީޔޫގައި އެޑްމިޓް ކުރި ބަލި މީހާގެ އޮކްސިޖަން ލެވެލް ހުރީ 94 ޕަސެންޓުގައި ކަމަށް އެޗްޕީއޭގެ ޑޮކްޓަރުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ. މޫސާ ހުސެއިން ވިދާޅުވެފައި ވަނީ 80 އަހަރުގެ މީހާއަކީ 2 އަހަރުގެ މުއްދަތަކަށް ބެޑްރިޑެން މީހަކު ކަމަށާއި އޭނާ ބެޑް ރިޑެން ވެފައި ވަނީ ސްޓްރޯކެއްގެ ސަބަބުން ކަމަށެވެ. އައިސީޔޫގައި ފަރުވާ ދެމުންދާ މީހާއަކީ އެހެނިހެން ބަލިތައް ވެސް ހުންނަ މީހެއް ކަމަށް ބުނެފައި ވާއިރު، ހަކުރު ބަލި، ލޭ މައްޗަށް ދިއުން، ކޮލެސްޓްރޯލް މަތިވުން ފަދަ ބަލިތައް އޭނާގެ ހުންނަ ކަމަށާއި ނިއުމޯނިއާގެ ކަންކަންވެސް ދޭތެރެ ދޭތެރެއިން ދިމާވާ ކަމަށް ޑރ. މޫސާ ވަނީ ވިދާޅުވެފައެވެ.

ރޭ ޕޮޒިޓިވް ވި ދެ މީހުންނާ އެކު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 66 އަށް އަރާފައެވެ. މީގެ ތެރޭގައި 4 ކުޑަކުދިން ހިމެނެއެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ބަންގްލަދޭޝް މީހުންނާއި ދިވެހިން ހިމެނެއެވެ. އެގޮތުން އިއްޔެ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި އެންމެ ގިނައީ ދިވެހިންނެވެ. އަދި މިމީހުން ޕޮޒިޓިވް ވުމާއެކު މި މީހުންނާ ކޮންޓެކްޓް ޓްރޭސްވި މީހުން ހޯދައި ޖުމްލަ 327 ކޮންޓެކްޓް ޓްރޭސް ކުރެވިފައި ވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މުޅި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 86 އެކެވެ. މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އޭގެތެރޭގައި ހިމެނެނީ 13 ބިދޭސީންނާއި ތިން ދިވެހިންނެވެ.