މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށް އިސްލާމިކު މިނިސްޓްރީން ބުނެފިއެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ދާދި ދެންމެ ބޭއްވި ހަނދު ސާބުތު ކުރުމުގެ ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީ މާދަމާއަކީ ޝައުބާން މަހުގެ 30 ކަމަށާއި، ރޯދަ ފެށޭނީ ހުކުރު ދުވަހު ކަމަށެވެ.

މިއަދު ރާއްޖޭގެ އެއްވެސް ހިސާބަކަށް ހަނދު ފެނިފައި ނުވުމުގެ އިތުރުން މިއަދުގެ އިރު އޮއްސުނު އިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް ހަނދު ނުފެންނާނެ ކަމަކަށް އިތުބާރު ހުރި ފަލަކީ ހިސާބަކުން ވެސް ދައްކައެވެ.

އެހެންވެ މާދަމާ އަކީ މި އަހަރުގެ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމުގައްޔާއި، 1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ، މި ހިނގާ އޭޕްރީލް މަހުގެ 24 ވާ ހުކުރު ދުވަސް ކަމުގައި ކަނޑައަޅާ ހަނދު ސާބިތު ކުރުމުގެ ޖަލްސާ ވަނީ ނިންމަވާލައްވާފައެވެ.

މިއަހަރުގެ ރަމަޟަން މަސް ދިވެހިންނާ ކުރިމަތިލާއިރު މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮރޯނާވައިރަހުގެ ވަބާއާ ހެދި މިސްކިތްތަކުގައި އަޅުކަން ކުރުމާއި ތަރާވީހު ނަމާދު ކުރުމުގެ އިތުރުން އިއުތިކާފަށް އިނުމުގެ ފުރުސަތުވެސް ވަނީ ބަންދުވެފައެވެ.

އެ ބައްޔެއްގެ ސަބަބުން ފުރާނައަށް ނުރައްވާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ރާއްޖޭގައި ފެތުރި މިހާތަކަށް 86 މީހަކަށް ވަނީ ބަލި ޖެހިފައެވެ.

ރޯދަމަސް މިފަހަރު ދިވެހިންނާ ބައްދަލު ކުރަނީ ގޭގައި ބަންދުވެފައި ތިބެން ޖެހިފައިވާ ދަނޑިވަޅެއްގައި ކަމަށް ވިޔަސް، ރޯދަ މަހުގެ ފަރުޟު ބަރާބަރަށް އަދާ ކުރަން ޖެހޭނެއެވެ.