ރޯދަމަހަށް ހަނދު ސާބިތު ވެއްޖެ ނަމަ މިރޭ ބަޑި ޖަހާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ މިރޭ ހަނދު ފެނިއްޖެ ނަމަ ބަޑި ޖެހުމުގެ ރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގެ މަދުގައި ކަމަށާއި އެ ރަސްމިއްޔާތު އޮންނާނީ މިރޭގެ 8:30 އާއި 9:00 އާ ދެމެދު ކަމަށެވެ.

އެ ރަސްމިއްޔާރުގައި އަންހެން ސިފައިންވެސް ބައިވެރިވާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތު ކުރުމާއި ބެހޭގޮތުން ބާއްވާ ރަސްމީ ބައްދަލުވުން މިރޭ 8:30 ބާއްވާގޮތައް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ. އަދި އެ ޖަލްސާ ޓީވީން ލައިވް ކުރާގޮތަަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ޑީޖޭއޭ އިން ބުނެފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން މި ދުވަސްވަރު އޮފީސްތައް ނުހުޅުވިޔަސް، ހަނދު ސާބިތު ކުރަން ހެކިބަސް ދިނުމަށްޓަކައި މާލޭގައި ނަމަ، ޑީޖޭއޭ އަށް ގުޅުމުން އެ އިދާރާ އިން އަންގާ ގޮތެއްގެ މަތިން މާލޭގެ ކޯޓެއްގެ ފަނޑިޔާރެއްގެ ކުރިމަތީގައި ހެކިބަސް ދެވޭނެއެވެ. އަދިި އަތޮޅު ތެރޭގައި ނަމަ، މެޖިސްޓްރޭޓް ކޯޓުތަކުން ހަމަޖައްސާ އުސޫލެއްގެ ދަށުން ހެކިބަސް ދެވޭނެ ކަމަށް ޑީޖޭއިން ބުނެފައި ވެއެވެ.

ހަނދު ފެނިގެން އެކަމުގެ މައުލޫމާތު ދޭ ނަމަ، ހަނދު ހުރި އުސްމިނާއި މިސްރާބު ފަދަ މައުލޫމާތުތައް ދޭން ޖެހޭނެއެވެ. އަދި ހަނދު ފެނިއްޖެ ނަމަ، ވީހާ އަވަހަކަށް އެކަން އަންގަން ޖެހޭނެއެވެ.

މިއަހަރުގެ ކަލަންޑަރުން ދައްކާ ގޮތުގައި 1441 ވަނަ އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަށް ވާނީ އަަންނަ ހުކުރު ދުވަހެވެ.