ކަރަންޓީނެ ފެސިލިޓީއަކަށް ގެންދިޔަ މީހަކު މަރުވެއްޖެއެވެ. އޭނާ އަކީ ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރި މީހެއް ނޫން ކަމަށް އައިޖީއެމްއެޗްގެ ޑރ. މޫސާ މުރާދު ވިދާޅުވިއެވެ.
މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.މުރާދް ވިދާޅުވީ ދަރުމަވަންތައިގައި ކަރަންޓީނުގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ ދިވެއްސެއް ކަމަށެވެ.
ސީދާ ކޮވިޑް-19އާ ގުޅުން ނެތް ކަމުގައި ވީ ނަމަވެސް ކަރަންޓީން ފެސިލިޓީއަކުން އައިޖީއެމްއެޗްއަށް ބަދަލުކޮށްގެން ފަރުވާ ދެމުން ދިޔަ ފަރާތަކީ އިންޑިއާއިން ބަލި މީހުން ގެނައި ފްލައިޓުގައި ގެނައި މީހުންގެ ތެރެއިން މީހެކެވެ.
އެ މީހާ އައިޖީއެމްއެޗަށް ގެންދިއުމުން ކޮވިޑަށް ޓެސްޓު ހަދާފައިވާ ކަމަށާއި އެހެންނަމަވެސް އެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމަށް ޑރ. މުރާދް ވިދާޅުވިއެވެ. މުރާދު ވިދާޅުވީ އެމީހާގެ ސިއްހީ މައްސަލައަށް ފަރުވާ ދެމުން ދިޔަ ކަމަށާއި ނިޔާވުމާ ހަމައަށްވެސް ބަލި މިހާގެ ފަރާތުން ކޮވިޑް-19އާ ގުޅުން ހުރި އަދި އެއަށް ޝައްކު ކުރެވޭ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް އިއްޔެ ވަނީ 17 މީހަކު ޕޮޒިޓިވް ވެފައެވެ. މި ހުރިހާ އެންމެން ވެސް ޕޮޒިޓިވް ވީ މާލެއިންނެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ބަންގްލަދޭޝް މީހުންނާއި ދިވެހިން ހިމެނެއެވެ. އެގޮތުން އިއްޔެ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި އެންމެ ގިނައީ ދިވެހިންނެވެ. އަދި މިމީހުން ޕޮޒިޓިވް ވުމާއެކު މި މީހުންނާ ކޮންޓެކްޓް ޓްރޭސްވި މީހުން ހޯދައި ޖުމްލަ 327 ކޮންޓެކްޓެއް ޓްރޭސް ކުރެވުނު ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޮވިޑް-19 އަށް މިއަދު ރާއްޖެއިން ޕޮޒިޓިވެ ވެފައި ވަނީ ދެ މީހުންނެވެ.
މުޅި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދަކީ 86 އެކެވެ. މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އޭގެތެރޭގައި ހިމެނެނީ 13 ބިދޭސީންނާއި ތިން ދިވެހިންނެވެ.