ވިލިވަރު އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔަ ބިދޭސީންގެ ކިބައިން ސަރުކާރުން މާފަށް އެދޭ ކޮވިޑް19 ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން މަބްރޫކް ވިދާޅުވީ ރާއްޖޭގައި ވިލިވަރު ކަރަންޓީން ފެސިލިޓީ އަކީ އިންސާނުން އުޅެން އެންމެ އެކަށީގެނަވާ ތަނެއް ނޫން ކަމަށާއި އެ ތަނަށް ބަދަލު ކުރެވުނު ބިދޭސީންގެ ކިބައިން ސަރުކާރުން މާފަށް އެދޭ ކަމަށެވެ.
މަބްރޫކް ވިދާޅުވީ 80 ބިދޭސީއަކު މާލެއިން ބޭރަށް ގެންދެވިފައި ވާކަމަށާއި އެ ބިދޭސީން ވިލިވަރަށް ގެންގޮސްފައި ވަނީ ރޭ އިރުއޮއްސި 06:00 ހާއިރު ކަމަށް ވާއިރު އެ މީހުން އެތަނަށް ގެންދިޔައީ ވަގުތީ ގޮތުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
"ތިބޭފުޅުންނަށް ފެނިފައިވާ ވީޑިއޯ އާއި ފޮޓޯތަކަކީ ކޮންސްޓްރަކްޝަންގައި ބޭނުންކުރަމުން އައި ތަނެއް. އެ މީހުން ވަރަށް އަވަހަށް ގެންދަން ޖެހުނީ. އެހެންވެ، މިހާރު އޭގެ ތެރެއިން ބައެއް މީހުން ވާނީ އެހެން ތަނަކަށް ބަދަލުކޮށްފައި. އެހާ ފެންވަރު ދަށްކޮށް ހުރި ތަނަކަށް ގެންދެވުމަކީ އަޅުގަނޑުމެން މާފަށް އެދެން. އެއީ އަޅުގަނޑުމެން ވެސް ގަބޫލުކުރާ ގޮތުގައި އިންސާނުން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން." މަބްރޫކް
ވިލިވަރަކީ ކުރިން ހަދަން ފަށާފައި އޮތް ރިސޯޓެއް ކަމަށާއި އެތަނުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެތަނުގައި 30 ކޮޓަރި ހަދާ އެތަނުގައި ކުރިން ބިދޭސީންވެސް ކަރަންޓީން ކުރިކަން މަބްރޫކް ފާހަަގަކުރެއްވިއެވެ. ކޮވިޑް-19 އަށް މާލެ އިން ޕޮޒިޓިވްވި މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި ބިދޭސީން ވިލިވަރުގައި ބޭތިއްބުމަށް ފަހު މިހާރު ވަނީ އިރުފުއްޓަށް ބަދަލުކޮށްފައި ކަމަށްވެސް މަބްރޫކް ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ކޮވިޑް-19ގެ ހާލަތަށް ބަލާއިރު، މުޅި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 86 އެކެވެ. މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އޭގެތެރޭގައި ހިމެނެނީ 13 ބިދޭސީންނާއި ތިން ދިވެހިންނެވެ.