މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންނާ ކޮންޓެކްޓް ޓެރޭސްވި މީހުންގެ އަދަދު 2391 އަށް އަރާފައިވާ ކަމަށް ކޮވިޑް19 ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންނާ ކޮންޓެކްޓް ޓެރޭސްވި 2391 މީހަކު ފާހަގަ ކުރެވިފައި ވާ ކަމަށާއި، އަދި އެކަމާ ގުޅިގެން ޖުމްލަ 240 ތަނެއް ވަނީ ބަންދު ކުރެވިފައި ކަމަށެވެ.
އަދި މިއަދުގެ މެންދުރު 12:00އާ ހަމައަށް 25 އިމާރާތެއް މޮނީޓަރިންގެ ހާލަތަށް ގެނެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ އައިސޮލޭޝަނުގައި މިވަތުގެ 184 މީހުން ތިބި ކަމަށާއި، އަދި ކަރަންޓީން ފެސިލިޓީތަކުގައި މިހާތަނަށް ޖުމްލަ 1433 މީހުން ތިބި ކަމަށެވެ.
ކޮވިޑް19 އަށް މިއަދު ރާއްޖެއިންވަނީ 2 މީހަކު ޕޮޒިޓިވް ވެފައެވެ. އެ ދެމީހުންނަކީ މާލެ ފްލޫ ކްލިނިކަކަށް ދައްކަން ދިޔަ ދެ މީހުންނެވެ. ޕޮޒިޓިވްވި ދެ މީހުންނަކީވެސް ދިވެހިންނެވެ. އަދި މިމީހުން ޕޮޒިޓިވް ވުމާއެކު މި މީހުންނާ ކޮންޓެކްޓް ޓްރޭސްވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މުޅި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 86 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެސް ވެފައެވެ. އޭގެތެރޭގައި 13 ބިދޭސީންނާއި ތިން ދިވެހިން ހިމެނެއެވެ.