ރޯދަމަހަށް ހަނދު ސާބިތު ކުރުުމަށް ބާއްވާ ޖަލްސާ މިރޭ ބާއްވާ ގިތަށް ހަމަޖައްސައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، 1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތު ކުރުމާއި ބެހޭގޮތުން ބާއްވާ ރަސްމީ ބައްދަލުވުން މިރޭ 8:30 ގައި އޮންނާނެ ކަމަށެވެ. އަދި އެ ޖަލްސާ ޓީވީން ލައިވް ކުރާގޮތަަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މި އަހަރުގެ ރޯދަ މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި ހެކިބަސް ނެގުމަށް މިއަދު ހަވީރު 6:00 އިން ރޭގަނޑު 7:30 އާ ހަމައަށް ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި އަތޮޅުތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކާ މުއާމަލާތު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށް އެ ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.
ޑީޖޭއޭ އިން ބުނެފައި ވަނީ، ކޮވިޑް-19 އާ ގުޅިގެން މި ދުވަސްވަރު އޮފީސްތައް ނުހުޅުވިޔަސް، ހަނދު ސާބިތު ކުރަން ހެކިބަސް ދިނުމަށްޓަކައި މާލޭގައި ނަމަ، ޑީޖޭއޭ އަށް ގުޅުމުން އެ އިދާރާ އިން އަންގާ ގޮތެއްގެ މަތިން މާލޭގެ ކޯޓެއްގެ ފަނޑިޔާރެއްގެ ކުރިމަތީގައި ހެކިބަސް ދެވޭނެއެވެ. އަދިި އަތޮޅު ތެރޭގައި ނަމަ، މެޖިސްޓްރޭޓް ކޯޓުތަކުން ހަމަޖައްސާ އުސޫލެއްގެ ދަށުން ހެކިބަސް ދެވޭނެ ކަމަށް ޑީޖޭއިން ބުނެފައި ވެއެވެ.
ހަނދު ފެނިގެން އެކަމުގެ މައުލޫމާތު ދޭ ނަމަ، ހަނދު ހުރި އުސްމިނާއި މިސްރާބު ފަދަ މައުލޫމާތުތައް ދޭން ޖެހޭނެއެވެ. އަދި ހަނދު ފެނިއްޖެ ނަމަ، ވީހާ އަވަހަކަށް އެކަން އަންގަން ޖެހޭނެއެވެ.
މިއަހަރުގެ ކަލަންޑަރުން ދައްކާ ގޮތުގައި 1441 ވަނަ އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަށް ވާނީ އަަންނަ ހުކުރު ދުވަހެވެ.