ކޮވިޑް19 ޕެންޑަމިކް އާ ގުޅިގެން ރާއްޖެއަށާއި މުޅިދުނިޔެއަށް ކުރިމަތިވެފައިވާ ހާލަތަށް ބަލައި، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަހަރީ ދުވުމުގެ ހަރަކާތް، ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީ.އެމް.އާރް.އާރް)ގެ 14 ވަނަ ދުވުމުގެ ހަރަކާތް މިއަންނަ އަހަރަށް ފަސްކުރަން ނިންމައިފިއެވެ.

ކޮވިޑް19 މުޖުތަމައުގައި އިތުރަށް ފެތުރަނަ ނުދިނުމަށްޓަކައި އިޖުތިމާއީ ގައިދުރުކަން ދަމަހެއްޓުމަކީ އެންމެ މުހިންމު އެއް ކަމެއް ކަމުގައި ވުމުން، މީހުން ގިނައިން އެއްވާ އެއްވެސް ބޮޑު ހަރަކާތެއް މި އަހަރު ދިރާގުން ނުބާއްވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ދިރާގު މޯލްޑްވިސް ރޯޑް ރޭހަކީ ރާއްޖެއާއި ދުނިޔޭގެ އެކި ހިސާބުތަކުން އެތަށް ހާސް މީހުން ބައިވަރިވާ ހަރަކާތެކެވެ. މެދުކެނޑުމެއް ނެތި 13 އަހަރު ވަންދެން ރާއްޖޭގައި ބާއްވަމުން އަންނަ ދުވުމުގެ އެންމެ ބޮޑު ހަރަކާތް ފަސްކުރަން ޖެހުން ވެގެން ދިޔައީ ދިރާގަށް ވަރަށް ދަތި އަދި ހިތާމަވެރި ނިންމުމަކަށް ކަމަށް އެ ކުންފުނިން ބުނެއެވެ. އެހެން ނަމަވެސް، ދުވުން ތެރިންނާއި މުޖްތަމައުގެ ދުޅަހެޔޮ ސިއްހަތާއި، ސަލާމަތާއި ރައްކާތެރި ކަމަކީ އެންމެ މުހިންމު އަދި އެންމެ ބޮޑު އިސްކަމެއް ދޭ ކަންތައްކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ދަނީ ކޮވިޑް19 އާ ގުޅިގެން ގައުމުގެ ހާލަތަށް ދިމާވާ ކަންތައްތައް ވަރަށް ގާތުން ބަލަމުންނެވެ. އަދި މި ދަނޑިވަޅުގައި ދިރާގުން އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންނަށާއި، ދިރާގުގެ މުވައްޒަފުނަށާއި، ސަރުކާރާއި ކަމާ ބެހޭ އިދާރާތަކާއި އަދި މުޅި މުޖުތަމައަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ދިރާގުން ވަނީ އެ ކުންފުނިން ބާއްވާ މޯލްޑިވްސް ރޯޑް ރޭހުގެ ހުރިހާ ދުވުންތެރިން މި ވޭތުވެދިޔަ 13 އަހަރު ކެނޑިނޭޅި ދެމުން ގެންދިޔަ ސަޕޯޓަށާއި އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ. އަދި މިއަންނަ އަހަރު، މި ޕެންޑަމިކް އިން ސަލާމަތް ވެއްޖެ ކަމުގައި ވަނީ ނަމަ، އިތުރު ފުރިހަމަކަމާއެކު ދިރާގު މޯލްޑިވްސް ރޯޑް ރޭސް ބާއްވާނެ ކަމުގެ ޔަގީންކަން އެކުންފުނިން ވަނީ އަރުވާފައެވެ.