ކޮވިޑް19 އާއި ގުޅިގެން ގޭގެ ކުލި ދެއްކޭނެފަދަ މާލީ ތަނަވަސްކަން ނެތް ފަރާތްތަކުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ރިޕޯޓުކުރުމަށް އަންގައިފިއެވެ.

އެޗްއާރްސީއެމް އިން ވަނީ ކޮވިޑް19 ދިވެހިރާއްޖޭގައި ފެތުރެމުންދާ މި ދަނޑިވަޅުގައި، ދިރިއުޅޭ އެޕާޓްމަންޓު ނުވަތަ ގޭގެ ކުލި ދެއްކޭނެފަދަ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް އެހީތެރިކަންދީ ރައްކާތެރިކަން ކަށަވަރުކުރުމަށް ދައުލަތަށް އިލްތިމާސް ކޮށްފައެވެ. އަދި މިފަދަ މައްސަލަތައް އެ ކޮމިޝަނަށް ހިއްސާ ކުރުމަށްވެސް އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ.

މީގެއިތުރަށް އެޗްއާރްސީއެމް އިން ބުނީ ކޮވިޑް19 ދިވެހިރާއްޖޭގައި ފެތުރެމުންދާ މި ދަނޑިވަޅުގައި، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ދޭންޖެހޭ ގަދަރާއި އިހުތިރާމް ދިނުމަށާއި އަދި މިފަދަ ފަރާތްތައް ދިރިއުޅޭ ތަންތަނުގައި އުޅޭ އެހެން ފަރާތްތަކުން މިފަދައިން ހިދުމަތުގައި އުޅުއްވާ މުވައްޒަފުން ތަފާތު ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެޗްއާރްސީއެމް އިން މިގޮތަށް ބުނެފައިވަނީ ކުލި ދެއްކޭނެ ފަދަ މާލީ ތަނަވަސްކަން ނެތް މީހުންނަށް ކުލި ނުދެއްކުމުގެ ސަބަބުން އިމާރާތްތަކުގެ ވެރިން އެމީހުން ނެރެމުންދާ ކަމުގެ ޝަކުވާތައް ކުރަމުން އަންނާތީއެވެ. މިހާރުވެސް ދައުލަތުން އަންނަނީ 87 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ދައުލަތުން ކަނޑައަޅާފައިވާ ތަންތަނުގައި އެމީހުން އަންނަނީ ބަލަހައްޓަމުންނެވެ.

ސަރުކާރުން ވަނީ މި ހާލަތުގައި ކުލި ނުދެއްކިގެން އިމާރާތްތަކުން މީހުން ނުނެރުމަށް އިލްތިމާސްކޮށްފައެވެ. އަދި މިއީ އިންސާނިއްޔަތުކަން އިސްކުރަންވީ ވަގުތު ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.