ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް)ގެ ވެރިޔާ އޮންގް ބެންގް ސެންގް ރާއްޖެއަށް 15 ވެންޓިލޭޓަރު ހަދިޔާ ކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ 15 ވެންޓިލޭޓަރުގެ އިތުރުން އޮންގްގެ ކުންފުނިން ރާއްޖެއަށް 100،000 ފޭސް މާސްކް ވެސް ހަދިޔާކޮށްފައިވާ ކަމަށެވެ. އެތަކެތި މިހާރު ވަނީ ސިންގަޕޫރުގައި ހުންނަ ދިވެހި ރާއްޖޭގެ ހައިކޮމިޝަނާއި ހަވާލުކޮށްފައެވެ.

ސަރުކާރުން އަންނަނީ ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ސިއްހީ ދާއިރާގެ ވަސީލަތްތައް އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޮންގްގެ ކުންފުނިން ރާއްޖެއަށް 15 ވެންޓިލޭޓަރު ހަދިޔާ ކޮށްފައި މިވަނީ ރާއްޖެއިން 135 ވެންޓިލޭޓަރާއި 14 ޓްރާންސްޕޯޓަބަލް ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

މިހާތަނަށް ސަރުކާރަށް ލިބިފައިވަނީ 14 ޓްރާންސްޕޯޓަބަލް ވެންޓިލޭޓަރުގެ ތެރެއިން 6 ވެންޓިލޭޓަރު ކަމަށް ދާދިފަހުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.