ކޮވިޑް19 އާ ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ބޭހުގެ ބައެއް ބާވަތްތަކާއި މެޑިކަލް އިކުއިޕްމަންޓް އަދި ކެއުމަށް ބޭނުންވާ ބައެއް އަސާސީ ތަކެތި ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
މިތަކެތި ރާއްޖެއަށް ހަވާލުކުރުމަށް މިއަދު ހެނދުނު މާލޭ ޕޯޓްގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ، މިނާޒުކު ދަނޑިވަޅުގައި ބަންގްލަދޭޝްއިން ފޯރުކޮށްދިން ދީލަތި އެހީތެރިކަމަށްޓަކައި އެގައުމުގެ ބޮޑުވަޒީރު ޝައިހް ހަސީނާއާއި، ހާރިޖީ ވަޒީރު އޭ.ކޭ އަބްދުލް މޮމެންގެ އިތުރުން ބަންގްލަދޭޝް ނޭވީއަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި ކޮވިޑް19 އާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކުގައި ބަންގްލަދޭޝް ރައްޔިތުންނާއި ދިވެހި ރައްޔިތުންނާ ދެމެދު އެއްވެސް ތަފާތެއް ދިވެހި ސަރުކާރުން ނުކުރާނެކަމަށް ވިދާޅުވެ، ބަލިޖެހިގެން ފަރުވާދޭން ޖެހިއްޖެ ހާލަތެއްގައިވެސް އެއްވެސް ތަފާތުކުރުމެއް ދިވެހި ސަރުކާރުން ނުގެންގުޅޭނެކަމުގެ ޔަގީންކަން ދެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރު ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ މިދަނޑިވަޅުގައި ބަންގްލަދޭޝް ސަރުކާރާއި އަސްކަރިއްޔާ އަދި ނޭވީއިން ރާއްޖެއަށް ފޯރުކޮށްދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. މިއަދު ފޯރުކޮށްދިން އެހީގެ އިތުރުން، ނޭޕާލާއި ބަންގްލަދޭޝްގައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ފޯރުކޮށްދިން އެހީތެރިކަންވެސް މިއަދު ވަނީ ފާހަގަކޮށްފައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖެއަށް ބަންގްލަދޭޝްއިން ކަނޑައަޅާފައިވާ ހައިކޮމިޝަނަރު ޑެޒިގްނޭޓް މުހައްމަދު ނަޒްމުލް ހަސަން ވަނީ ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ ރައްޔިތުންގެ ހާލަތު ބަލަމުންދާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދީފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.