ޕޮޒިޓިވް ވި މީހުންގެ ތެރޭގައި އެސްޓީއޯގެ މުވައްޒަފަކު ހިމެނޭކަމަށް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ކޭސް 86 ގައި ހިމެނޭ ދިވެހި މީހާއަކީ ކޭސް 36 އާ ގުޅިފައިވާ ކޮންޓެކްޓެއް ކަމަށެވެ. އަދި މި މީހާއަކީ އެސްޓީއޯގައި ސެކިއުރިޓީ ބަލަހައްޓާ މީހެއް ކަމަށާއި، އޭނާއަކީ މަދުން ނަމަވެސް ޓެކްސީ ވެސް ކުރާ މީހެއް ކަމަށެވެ. އޭނާ އަކީ އަމީން ހިޔާގެ ކޭސް [އެންމެ ފުރަތަމަ މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި ބަންގްލަދޭޝް މީހާ] އާ ގުޅުން ހުރި މީހެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

އަފްޒަލް ވިދާޅުވީ ކޭސް 86ގެ އަލާމާތްތައް ފެންނަން ފެށީ މާލެއިން މި ބަލި އެންމެ ފުރަތަމަ ފެނުނު ދުވަހު ކަމަށާ އެއީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ އަމީން ހިޔާގެ ކޭސްއާ ގުޅުންހުރި މީހާ މާލެ އައިސް ހުރި ގޭގައި ތިބި ތިން މީހަކުވެސް އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ ކޭސް 74 އާއި 75 އާއި ކޭސް 83 އެވެ. އެސްޓީއޯގައި މަސައްކަތް ކުރާ މީހާއަކީ ވެސް މީގެކުރިން އެގޭގައި ހުރި މީހެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

އެސްޓީއޯގެ މި މީހާއާ ގުޅުންހުރި 7 މީހަކު މިހާތަނަށް ކޮންޓެކްޓުވެފައިވާ ކަމަށްވެސް ޑރ. އަފްޒަލްގެ ވާހަކަައިގައި ވަނީ ފާހަގަކުރައްވާފައެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު މާލެއިން ފުރަތަމަ ކޮވިޑް19 ފެނިފައިވާއިރު މިއަދާއި ހަމައަށް މާލެއިން ޖުމްލަ 66 މީހަކަށް މި ބަލި ވަނީ ޖެހިފައެވެ. މިއާއި އެކު މުޅި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 86އަށް އަރާފައެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން 16 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ.