ކޮވިޑް19 ގެ މި ނުރައްކާތެރި ހާލަތުގައި އާއްމުންގެ ރައްޔިތުންނަށް ގޭގެ ކުލި ނުދެއްކި ގެއިން ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ގުޅާނެ ހާއްސަ ނަންބަރެއް މާލެ ސިޓީ ކައުންސިލުން ތައާރަފު ކޮށްފިއެވެ.

ސިޓީ ކައުންސިލުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކުލި ނުދައްކައިގެން ގެއިން ބޭރު ކޮށްފި ނަމަ ނުވަތަ މާލޭގައި ހުރުމަށް ދަތިތަކެއް ހުރި އެއްވެސް ފަރާތެއްވާ ނަމަ "1412" އެ ނަންބަރަށް ގުޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ގޭގެ ކުލި ނުދެއްކިއްޖެ ނަމަ ގުޅާނެ ހާއްސަ ނަންބަރެއް އާއްމުކޮށްފައި މިވަނީ ބައެއް މީހުންނަށް ގޭގެ ކުލި ނުދެއްކުމުގެ ސަބަބުން ގެއިން ނިކުތުމަށް ބައެއް އިމާރާތްތަކުގެ ވެރިން އާއްމުންނަށް އަންގަމުންދާ ކަމަށް ބުނެ ވާހަކަތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. ހާއްސަކޮށް މި ދަނޑިވަޅުގައި އެގޮތަށް ކަންކަން ނުކުރުމަށް ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ.

ދަރުބާރުގޭގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބްރޫކް އަަޒީޒް ވިދާޅުވީ ކޮވިޑް19އާ ގުޅިގެން ދިމާވެފައިވާ ހާލަތުގައި މާލޭގެ ގޭގައި ކުށްޔަށް ދިރިއުޅޭ މީހުންގެތެރެއިން ކުލި ނުދެއްކޭ މީހުން އެމީހުން ދިރިއުޅޭ ތަންތަނުން ނުނެރުމަށް ސަރުކާރުން ގޭގޭގެ ވެރިންނަށް އިލްތިމާސް ކުރާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މި ދަނޑިވަޅަކީ އެންމެންނަށްވެސް ދަތި އުނދަގޫ ދުވަސްތަކެއް ކަމަށާއި މި ހާލަތުން އަރައިގަނެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

"އެއްވެސް ބޭފުޅަކު ގެއެއް ކުއްޔަށް ދެއްވައިގެން އުޅުއްވާ ބޭފުޅަކު ކުލި ނުދެއްކިގެން މިވަގުތު މީހަކު ގެއިން ބޭރަށް ނުނެރުން އެއީ އަޅުގަނޑުމެންގެ އިލްތިމަސެއް. މަގުމަތި ނުކުރުން އެދެން،" މަބްރޫކް ވިދާޅުވިއެވެ.

ސަރުކާރުން ވަނީ މިހާރުވެސް 87 މީހަކު ސަރުކާރުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެތެރޭގައި ލޮކްޑައުންގެ މި ހާލަތުގައި ވަންނާނެ ތަނެއް އެއްގޮތަކަށްވެސް ނެތް މީހުންނާއި ކުލި ނުދެއްކުމުގެ ސަބަބުން ގެއިން ނެރެލާފައިވާ މީހުންވެސް ހިމެނެއެވެ.