މަލޭގައި ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވް ވި ކޭސްތަކަށް ބަލާއިރު މިހާރު ފަރުވާ ދެމުންދާ ކޭސަތަކުގެ ތެރޭގައި ހަތަރު ކުޑަކުދިން އެބަތިބި ކަން ހާމަވެއްޖެއެވެ.
މިރ ދަރުބާރުގޭގައި ކޮވިޑް-19 އާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، މިއަދު ޕޮޒިޓިވްވި ކޭސް 82 އަކީ ކުޑަކުއްޖެއް ކަމަށް ވުމާއެކު އެ ކުއްޖާގެ ކޮންޓެކްޓް ޓްރޭސިންއެއް ނެތް ކަމަށެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުޑަކުއްޖާގެ އުމުރާއި ޖިންސު ހާމަކޮށްފައެއް ނުވެއެވެ. މިއަދު ފެނުނު ކުޑަކުއްޖާގެ މި ކޭސްއާ އެކު މިހާރު މި ބައްޔަށް ފަރުވާ ދެމުންދާ ކުޑަކުދިންގެ އަދުދު މި ވަނީ ހަތަރަކަށް އަރާފައެވެ.
މާލެއިން ދެވަނައަށް ޕޮޒިޓިވްވި ކޭސް، ކޭސް 22 އަކީ 2 އަހަރުގެ ފިރިހެން ކުއްޖެކެވެ. ކޭސް 22 ގެ މަންމަވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއަށް ފަހު ޕޮޒިޓިވްވި ކޭސް 25 އަކީ މި ބައްޔަށް ޕޮޒިޓިވްވި ދެވަނަ ކުޑަ ކުއްޖާއެވެ. އެ ކުއްޖާއަކީ 15 އަހަރުގެ އަންހެން ކުއްޖެކެވެ. މިކުއްޖާގެ މަންމައާއި ބައްވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. ތިން ވަމައަށް ފެނުނު ކުޑަކުއްޖެއްގެ ކޭސްއަކީ ކޭސް 33 އެކެވެ. އެއީ 8 އަހަރުގެ އަންހެން ކުއްޖެކެވެ.