މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ އެމްއެންޑީއެފްގެ އޮފިސަރާ ކޮންޓެކްޓްވި 41 މީހަކު ހޯދިފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ، ކޮވިޑް19 އަށް ޕޮޒިޓިވް ވި އެމްއެންޑީއެފްގެ އޮފިސަރަކީ ހުރިހާ ސިފައިންނެކޭ އެއްފަދައިން ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހެއް ކަމަށެވެ. އަދި އޭނާގެ 41 ކޮންޓެކްޓު މިހާތަނަށް ހޯދިފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އަދި އޭނާއާ ކޮންޓެކްޓުވި މީހުންގެ ތެރެއިން ގިނަވާނީ ސިފައިންގެ މީހުން ކަމަށް ބެލެވޭ ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ އޮފިސަރަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާކަން ހާމަކޮށްފައިވަނީ މިއަދު މެންދުރު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް19 ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒެވެ. މަބްރޫކް ވިދާޅުވީ އެމްއެންޑީއެފް އޮފިސަރަކު ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މިރޭ ވިދާޅުވީ މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންނާ ކޮންޓެކްޓް ޓެރޭސްވި 1545 މީހަކު ފާހަގަ ކުރެވިފައި ވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ޖުމްލަ 193 އިމާރާތެއް ވަނީ ބަންދު ކުރެވިފައި ކަމަށެވެ. އަދި ހަމައެކަނި މިއަދުވެސް 43 އިމާރާތެއް މޮނީޓަރިންގެ ހާލަތަށް ގެނެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް19 އަށް ހަމައެކަނި މިއަދުވެސް ރާއްޖެއިންވަނީ 17 މީހަކު ޕޮޒިޓިވް ވެފައެވެ. މި ހުރިހާ އެންމެން ވެސް ޕޮޒިޓިވްވީ މާލެއިންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ބަންގްލަދޭޝް މީހުންނާއި ދިވެހިންވެސް ހިމެނެއެވެ. އެގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ދިވެހިންނެވެ. އަދި މިމީހުން ޕޮޒިޓިވް ވުމާއެކު މި މީހުންނާ ކޮންޓެކްޓް ޓްރޭސްވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މުޅި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 84 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެސް ވެފައެވެ. އޭގެތެރޭގައި 13 ބިދޭސީންނާއި ތިން ދިވެހިން ހިމެނެއެވެ.