ކޮވިޑް19 އާއި ގުޅިގެން މާލެ ލޮކްޑައުން ކޮށްފައި ވާ މިހާލަތުގައި މަގުމަތިވެފައި ތިބި 86 މީހުންގެ ތެރެއިން 25 މީހުންނަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ބައެއް ކަމަށް ކޮވިޑް19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ކޮވިޑް19 އާއި ގުޅިގެން މާލެ ލޮކްޑައުން ކޮށްފައި ވާ މިހާލަތުގައި މަގުމަތިވެފައި ތިބި 86 މީހުންގެ ތެރެއިން 25 މީހުންނަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުން ކަމަށާއި، އަދި އެހުރިހާ ފަރާތްތަކަށް ޖެންޑާ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މަގުމަތީގައި ހާލުގައި ޖެހިފައި ތިބި އެހުރިހާ ފަރާތްތަކަށްވެސް ތިބެވޭނެ ތަންތަނާއި، ކާބޯތަކެއްޗާއި އަދި ބޭސްފަރުވާގެ ހިދުމަތްތައް ހޯދަދީފައިވާ ކަމަށެވެ. މީގެ ތެރެއިން ފާހަނގަ ކުރެވުނު 25 މީހަކީ މަސްތުވާތަކެތީގެ ވަބާގަ ޖެހި، މަގުމަތިވެފައި ތިބި މީހުންކަމަށާއި، އަދި އެމީހުން ވަކި ތަނަކަށް ގެންދެވި ރިހެބިލިޓޭޝަންގެ މަސައްކަތް ފަށާފައިވަ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ޖެންޑާ މިނިސްޓްރީ އާއި މާލެ ސިޓި ކައުންސިލާއި ގުޅިގެން މިވަގުތު މަގުމަތިވެފައި ތިބި އެންމެނަށް އިޖްތިމާއީ ރައްކާތެރިކަން ހޯދައި ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ކޮވިޑް19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ހާލުގައި ޖެހިފައި ތިބި އެތައް ބަޔަކަށް ސަރުކާރުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން ނެވެ. އެގޮތުން ގެދޮރު ނެތް މީހުންނާ، ގޭގެ ކުލި ނުދެއްކިގެން ގެއިން ނެރޭ މީހުންގެ އިތުރުންވެސް ސަރުކާރުން އަންނަނީ މިދަނޑިވަޅުގައި ހާލުގައި ޖެހިފައި ތިބި އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮވިޑް19 އަށް ހަމައެކަނި މިއަދުވެސް ރާއްޖެއިންވަނީ 17 މީހަކު ޕޮޒިޓިވް ވެފައެވެ. މި ހުރިހާ އެންމެން ވެސް ޕޮޒިޓިވްވީ މާލެއިންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ބަންގްލަދޭޝް މީހުންނާއި ދިވެހިންވެސް ހިމެނެއެވެ. އެގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ދިވެހިންނެވެ. އަދި މިމީހުން ޕޮޒިޓިވް ވުމާއެކު މި މީހުންނާ ކޮންޓެކްޓް ޓްރޭސްވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މުޅި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 84 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެސް ވެފައެވެ. އޭގެތެރޭގައި 13 ބިދޭސީންނާއި ތިން ދިވެހިން ހިމެނެއެވެ.