މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންނާ ކޮންޓެކްޓް ޓެރޭސްވި މީހުންގެ އަދަދު 1545 އަށް އަރާފައިވާ ކަމަށް ކޮވިޑް19 ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހުންނާ ކޮންޓެކްޓް ޓެރޭސްވި 1545 މީހަކު ފާހަގަ ކުރެވިފައި ވާ ކަމަށާއި، އަދި އެކަމާ ގުޅިގެން ޖުމްލަ 193 އިމާރާތެއް ވަނީ ބަންދު ކުރެވިފައި ކަމަށެވެ.

އަދި ހަމައެކަނި މިއަދުވެސް 43 އިމާރާތެއް މޮނީޓަރިންގެ ހާލަތަށް ގެނެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ އައިސޮލޭޝަނުގަ މިވަތުގެ 160 މީހުން ތިބި ކަމަށާއި، އަދި ކަރަންޓީން ފެސިލިޓީތަކުގަ މިހާތަނަށް ޖުމްލަ 1286 މީހުން ތިބި ކަމަށެވެ.

ކޮވިޑް19 އަށް ހަމައެކަނި މިއަދުވެސް ރާއްޖެއިންވަނީ 17 މީހަކު ޕޮޒިޓިވް ވެފައެވެ. މި ހުރިހާ އެންމެން ވެސް ޕޮޒިޓިވްވީ މާލެއިންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ބަންގްލަދޭޝް މީހުންނާއި ދިވެހިންވެސް ހިމެނެއެވެ. އެގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ދިވެހިންނެވެ. އަދި މިމީހުން ޕޮޒިޓިވް ވުމާއެކު މި މީހުންނާ ކޮންޓެކްޓް ޓްރޭސްވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މުޅި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 84 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެސް ވެފައެވެ. އޭގެތެރޭގައި 13 ބިދޭސީންނާއި ތިން ދިވެހިން ހިމެނެއެވެ.