ރާއްޖޭގެ ހުރިހާ ރަށެއްގެ ފިހާރަތައް މާދަމާއިން ފެށިގެން ހެނދުނު 9:00 އިން މެންދަމު 12:00 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކޮވިޑް19 ރާއްޖެއިން ފެނިފައިވާ މި ހާލަތުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވާއިރު އަދި ގެއިން ބޭރަށް ނިކުތުމަކީ ވެސް މަނާ ކަމެއް ކަމަށް ކަމާބެހޭ އިދާރާތަކުން އަންގާފައި ވާއިރު ޒަރޫރީ ބޭނުންތަކަށް ވަކި ވަގުތެއްގައި ގެއިން ބޭރަށް ނިކުތުމުގެ ހުއްދަ ފުލުހުން މިހާރު ދެމުން އަންނަ ކަމަށެވެ.

އެހެންކަމުން މާދަމާއިން ފެށިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ، ހެނދުނު 9:00 އިން ދަންވަރު 12:00 އާ ދެމެދު ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ކޮންމެ ނަމާދު ވަގުތަކަށް ފިހާރަތައް 15 މިނެޓަށް ބަންދު ކުރަންވެސް ޖެހޭނެ ކަމަށް ބުނެފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ޒަރޫރީ ބޭނުންތަކަށް މުދާ ވިއްކުމަށް ހުޅުވާ ފިހާރަތަކުގެ މުވައްޒަފުން ތިބެން ޖެހޭނީ މާސްކާއި އަންގިވެސް ލައްވައިގެން ކަމަށެވެ. އިކޮނޮމިކް މިނިސްޓްރީން ބުނި ފިހާރަތަކަށް ވިޔަފާރި ކުރުމަށް ދާ ފަރާތްތަކުން ދާއިރު ފުލުހުން ދޫކޮށްފައިވާ ފާސް އޮތްތޯ ބަލަން ވާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ފިހާރައަށް ވިޔަފާރި ކުރުމަށް ދާ ކަސްޓަމަރު އައުމުގެ ކުރިން ބޭނުންވާ ތަކެތި ނަގާފައި ބެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ބުނެފައިވެއެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ހުންނަ މުވައްޒަފުން ވަޒީފާއަށް ނުނެރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ވިޔަފާރި ކުރުމަށް އަންނަ ފަރާތުން ފިހާރައިން ވިޔަފާރި ކުރުމަށް ފަހު ފައިސާ ދެއްކުމަށް އޮންލައިން ޓްރާންސްފާ ހަމަޖެއްސުމަށް ވެސް އިރުޝާދު ދޭ ކަމަށެވެ. އެގޮތުން ފިހާރައިގެ އެކައުންޓައް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ބޭންކް ޓްރާންސްފާ ހަމަޖެހިފައި ވާނަމަ، އެކައުންޓްގެ ތަފްސީލު ފަސޭހައިން ފެންނާނެހެން ފިހާރަތަކުގައި ޑިސްޕްލޭކޮށްފައި ބެހެއްޓުމަށް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ފިހާރައަށް ގިނަ ކަސްޓަމަރުން އެއް ފަހަރާ ވަންނަ ކަމަށްވާ ނަމަ ކޮންމެ ކަސްޓަމަރެއްގެ ދެމެދުގައި އެއް މީޓަރުގެ ގައިދުރުކަން ބެހެއްޓުމަށާއި ވިޔަފާރިކޮށް ނިމި ފިހާރަތައް ބަންދު ކުރާ ވަގުތު ރަނގަޅަށް ފިހާރަތެރެ ސާފު ކުރުމަށް އެ މިނިސްޓްރީން ވަނީ އިރުޝާދު ދީފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ފިހާރަތަކަށް މުދާ ގަތުމަށް ބާސްކެޓު ނުވަތަ ލޮރީ ފަދަ ތަކެތި ބޭނުން ކުރާ ނަމަ އެތަކެތި ހުރީ ޑިސްއިންފެކްޓު ކޮށްފައިތޯ ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ.