ކޮވިޑް19 އަށް އިތުރު މީހަކު ޕޮޒިޓިވް ވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް19 އަށް މީގެކުރިން ޕޮޒިޓިވްވި މީހަކާއި (ކޭސް ނަންބަރު 52) ޑައިރެކްޓު ކޮންޓެކްޓުވި މީހަކު އެ ބައްޔަށް ޓެސްޓު ކުރުމުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި ބައްޔަށް ޕޮޒިޓިވްވީ ދިވެއްސެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. މި މީހާއާ އެކު މާލެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 64 އަށް އަރާފައެވެ. އެޗްޕީއޭ އިން ބުނީ ޕޮޒިޓިވްވި މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ.

މިއަދު އެކަނިވެސް ރާއްޖެއިން ވަނީ 17 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައެވެ. މި ހުރިހާ އެންމެން ވެސް ޕޮޒިޓިވްވީ މާލެއިންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ބަންގްލަދޭޝް މީހުންނާއި ދިވެހިންވެސް ހިމެނެއެވެ. އެގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ދިވެހިންނެވެ.

މި މީހާއާ އެކު މުޅި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 84އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެސް ވެފައެވެ. އޭގެތެރޭގައި 13 ބިދޭސީންނާއި ތިން ދިވެހިން ހިމެނެއެވެ.