އަނބުރާ ގައުމަށް ފޮނުވާލަން އުޅުނު 3 ބިދޭސީއަކު ޕޮޮޒިޓިވް ވެއްޖެއެވެ.
މި 3 މީހުންނަކީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ މީހުންނެވެ. އަދި މި މީހުން ޕޮޒިޓިވް ވެފައި ވާކަން ހާމަކޮށްފައި ވަނީ މިހާރު އޮންލައިންކޮށް ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލްއެވެ.
ޑރ. އަފްޒަލް ވިދާޅުވީ، މި 3 ބަންގްލަދޭޝް މީހުން ޕޮޒިޓިވް ވެފައި ވަނީ އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓު ކުރުމުން ކަމަށެވެ. އަދި އެމީހުން އޭރު ތިބީ ތާޖުއްދީން ސްކޫލުގައި ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ރާއްޖޭގައި ނުގަވައިދުން އުޅޭ ބިދޭސީންގެ ތެރެއިން ބަޔަކު މިއަދު އެގައުމުގެ އަސްކަރީ މަތިންދާ ބޯޓުގައި ފޮނުވާލުމަށް ހަމަޖެހިފައި އޮއްވާ، އޭގެ ތެރެއިން 3 މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އަނބުރާ ބަންގްލަދޭޝަށް ފޮނުވާލީ 68 މީހެކެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ، އެމީހުން ރާއްޖެއިން ފުރީ އިއްޔެ ރާއްޖެ އައި ބަންގްލަދޭޝްގެ އެއާފޯސް މަތިންދާބޯޓުގައި މިއަދު ކަމަށެވެ. އަދި މިއީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ފަރާތްތައް އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެންގާ ހިންގާ މަސައްކަތުގެ ދަށުން ކުރެވެނު މަސައްކަތެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާއިރު ރާއްޖެއިން މިހާރު ވަނީ ޖުމްލަ 83 މީހަކު ޕޮޒިޓިވް ވެފައެވެ. އަދި މީގެ ތެރެއިން 16 މީހަކު ރަނގަޅުވެ، 2 މީހަކު ރާއްޖެއިން ފުރައިގެން ގޮސްފައި ވާއިރު، މި ބައްޔަށް މިހާރު 64 މީހަކު ދަނީ ރާއްޖޭގައި ފަރުވާ ހޯދަމުންނެވެ. އެއީ ރާއްޖެއިން ބޭރުގައި ހުރެފައި ރާއްޖެ އައި 2 ދިވެހިންނާއި، މާލެ އިން ޕޮޒިޓިވްވި 33 ދިވެހިންގެ އިތުރުން މާލެއިން ޕޮޒިޓިވްވި 30 ބިދޭސީންނެވެ.