ދަރުމަވަންތައަށް ގެންދިޔަ 80 އަހަރުގެ މީހާގެ ހާލު ސީރިއަސް ކަން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައި ވަނީ، މިހާރު އޮންލައިންކޮށް ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. މޫސާ ހުސެއިނެވެ. ޑރ. މޫސާ ވިދާޅުވީ، 80 އަހަރުގެ މީހާއަކީ 2 އަހަރުގެ މުއްދަތަކަށް ބެޑްރިޑެން މީހަކު ކަމަށެވެ. އަދި އޭނާ ބެޑް ރިޑެން ވެފައި ވަނީ ސްޓްރޯކެއްގެ ސަބަބުން ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ.
ޑރ. މޫސާ ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދާ މީހާއަކީ އެހެނިހެން ބަލިތައް ވެސް ހުންނަ މިހަކު ކަމަށެވެ. އެގޮތުން، ހަކުރު ބަލި، ލޭ މައްޗަށް ދިއުން، ކޮލެސްޓްރޯލް މަތިވުން ފަދަ ބަލިތައް އޭނާގެ ހުރެއެވެ. އަދި ނިއުމޯނިއާގެ ކަންކަންވެސް ދެތެރެ ދޭތެރެއިން ދިމާވާ ކަމަށް ވެސް ޑރ. މޫސާ ވިދާޅުވިއެވެ.
އާންމު މީހެއްގެ އޮކްސިޖަން ލެވެލް 98 ޕަސެންޓުގައި ހުންނައިރު، އައިސީޔޫގައި އެޑްމިޓް ކުރި ބަލި މީހާގެ އޮކްސިޖަން ލެވެލް ހުރީ 94 ޕަސެންޓުގައި ކަމަށް ވެސް ޑރ. މޫސާ ވިދާޅުވިއެވެ.
ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާއިރު ރާއްޖެއިން މިހާރު ވަނީ ޖުމްލަ 83 މީހަކު ޕޮޒިޓިވް ވެފައެވެ. އަދި މީގެ ތެރެއިން 16 މީހަކު ރަނގަޅުވެ، 2 މީހަކު ރާއްޖެއިން ފުރައިގެން ގޮސްފައި ވާއިރު، މި ބައްޔަށް މިހާރު 64 މީހަކު ދަނީ ރާއްޖޭގައި ފަރުވާ ހޯދަމުންނެވެ. އެއީ ރާއްޖެއިން ބޭރުގައި ހުރެފައި ރާއްޖެ އައި 2 ދިވެހިންނާއި، މާލެ އިން ޕޮޒިޓިވްވި 33 ދިވެހިންގެ އިތުރުން މާލެއިން ޕޮޒިޓިވްވި 30 ބިދޭސީންނެވެ.