މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެމްއެންޑީއެފްގެ އޮފިސަރެއް ވެސް ހިމެނޭ ކަމަށް ބުނެފިއެވެ.

މިކަން ހާމަ ކޮށްފައި ވަނީ މިހާރު އޮންލައިންކޮށް ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒެވެ.

މަބްރޫކް ވިދާޅުވީ އެމްއެންޑީއެފް އޮފިސަރަކު ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެއީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތެއްތޯ އޮޅުން ފިލުވުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އެމްއެންޑީއެފް އާއި ޕޮލިހުގައި އުޅޭ އަދި އައިޖީއެމްއެޗްގައި މަސައްކަތްކުރަމުން ގެންދާ ފަރާތްތަކުގެ ރައްކާތެރިކަމަށް ބޭނުންވާނެ ސާމާނު ކަށަވަރުކުރުމަށްޓަކައި އެތަކެތި ލިބެން ހުރި އެންމެ ގިނަ އަދަދަކަށް މިހާރު ގެނެސްފައިވާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާއިރު ރާއްޖެއިން މިހާރު ވަނީ ޖުމްލަ 83 މީހަކު ޕޮޒިޓިވް ވެފައެވެ. އަދި މީގެ ތެރެއިން 16 މީހަކު ރަނގަޅުވެ، 2 މީހަކު ރާއްޖެއިން ފުރައިގެން ގޮސްފައި ވާއިރު، މި ބައްޔަށް މިހާރު 65 މީހަކު ދަނީ ރާއްޖޭގައި ފަރުވާ ހޯދަމުންނެވެ. އެއީ ރާއްޖެއިން ބޭރުގައި ހުރެފައި ރާއްޖެ އައި 2 ދިވެހިންނާއި، މާލެ އިން ޕޮޒިޓިވްވި 33 ދިވެހިންގެ އިތުރުން މާލެއިން ޕޮޒިޓިވްވި 30 ބިދޭސީންނެވެ.

މާލެ ސަރަހައްދުން ފުރަތަމަ ފަހަރަށް މި ބަލި ފެނިފައިވަނީ މިދިޔަ ބުދަ ދުވަހެވެ. އެގޮތުން ބުދަ ދުވަހު 1 ކޭސް ފެނިފައިވާއިރު، ބުރާސްފަތި ދުވަހު 2 ކޭސް، ހުކުރު ދުވަހު 5 ކޭސް އަދި ހޮނިހިރު ދުވަހު 7 ކޭސް ވަނީ މާލެއިން ފެނިފައެވެ. މީގެ އިތުރުން އާދިއްތަ ދުވަހު 17 ކޭސް ފެނިފައިވާއިރު އޭގެ ތެރެއިން 1 ކޭސް ވަނީ ހއ. އުލިގަމަށް ދަތުރުކޮށްފައެވެ. އަދި ހޯމަ ދުވަހު މި ބައްޔަށް ޕޮޒިޓިވްވެފައިވާ 15 ކޭހެއް މާލެ ތެރެއިން ފެނިފައިވާއިރު، މިއަދުގެ މިހާތަނަށް މި ވަނީ 16 ކޭސް އެއް ފެނިފައެވެ.