މާލޭގައި މަގުމަތިވި 80 އަށްވުރެ ގިނަ މީހުންނަށް އެހީވެއްޖެއެވެ.

މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ޖްންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ބުނީ މާލޭގައި މަގުމަތިވެފައިވާ 80އަށް ވުރެ ގިނަ ފަރާތް މޯލްޑިވްސް ޕޮލިސް ސާވިސަސްއިން އެ މިނިސްޓްރީއާ ހަވާލުކުރުމާ ގުޅިގެން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ ފަރާތްތަކަށް ދަނީ ކެއިންބުއިމާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން ކަމަށެވެ.

އެ މިނިސްޓްރީން ބުނީ، މާލެ ފުރަބަންދުކުރުމާ ގުޅިގެން އެކި ބޭނުންތަކަށް މާލެ އައިސް، ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީއަށް ރިޕޯޓުކުރެވިފައިވާ ފަރާތްތަކަށް ވެސް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމުތައް ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލަށް ހުށަހެޅިފައިވާ މިފަދަ 400 އަށް ވުރެ ގިނަ ފަރާތްތަކަށް ބަޔާންކުރެވުނު އިންތިޒާމުތައް ހަމަޖައްސައި ދިނުމަށްޓަކައި އެ ކައުންސިލާއެކު މިނިސްޓްރީން މިހާރު ދަނީ ވިލަރެސްކުރަމުން ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.

ޖެންޑާ މިނިސްޓްރީން ވަނީ މިފަދަ އެހީތެރިކަމެއް ބޭނުންވާ އިތުރު ފަރާތެއްގެ މައުލޫމާތު ލިބިފައިވާ ނަމަ ލަސްނުކޮށް އެ މިނިސްޓްރީގެ ނަންބަރު، 3328393އާ ހިއްސާ ކުރުވުމަށް އެދިފައެވެ.

މާލެ ލޮކްޑައުން ކުރުމާގުޅިގެން މާލޭގެ މަގުމަތީގައި ހާލުގައި ޖެހިފައި ތިބި އެތައް ބަޔަކު ފެނި، އެމީހުންނަށް އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ. މާލެ ލޮކްޑައުން ކޮށްފައި ވަނީ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ފެނުމާ ގުޅިގެންނެވެ. އެގޮތުން މާލޭގެ އެލާޓް ލެވެލް ރެޑް އަށް މަތިކޮށް، ލޮކްޑައުންކޮށްފައި ވަނީ 14 ދުވަހުގެ މުއްދަތަކަށެވެ. ވޭތުވެދިޔަ ހަފްތާގައި މާލެއިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި 63 މީހަކު ދެނެގަނެވިފައެވެ.