އިތުރު ބަންގްލަދޭޝް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އިތުރު ބަންގްލަދޭޝް މީހަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއާއެކު މިއަދު ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު 16 އަށް އަރާ، ޖުމްލަ އަދަދު މިވަނީ 83 އަށް އަރާފައެވެ. އެޗްޕީއޭން ދަނީ މި ކޭސްއަކީ އެހެން ކޭސްތަކާ ގުޅުން ހުރި ކޭހެއްތޯ ބެލުމުގެ މަސައްކަތް ކުރަމުންނެވެ.

އެޗްޕީއޭން މިހެން ބުނެފައިވާއިރު، މިއަދު ޕޮޒިޓިވްވެފައި ވަނީ 9 ދިވެއްސަކާއި 7 ބިދޭސީއެކެވެ.

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދާއިރު ރާއްޖެއިން މިހާރު ވަނީ ޖުމްލަ 83 މީހަކު ޕޮޒިޓިވް ވެފައެވެ. އަދި މީގެ ތެރެއިން 16 މީހަކު ރަނގަޅުވެ، 2 މީހަކު ރާއްޖެއިން ފުރައިގެން ގޮސްފައި ވާއިރު، މި ބައްޔަށް މިހާރު 64 މީހަކު ދަނީ ރާއްޖޭގައި ފަރުވާ ހޯދަމުންނެވެ. އެއީ ރާއްޖެއިން ބޭރުގައި ހުރެފައި ރާއްޖެ އައި 2 ދިވެހިންނާއި، މާލެ އިން ޕޮޒިޓިވްވި 33 ދިވެހިންގެ އިތުރުން މާލެއިން ޕޮޒިޓިވްވި 30 ބިދޭސީންނެވެ.

މާލެ ސަރަހައްދުން ފުރަތަމަ ފަހަރަށް މި ބަލި ފެނިފައިވަނީ މިދިޔަ ބުދަ ދުވަހެވެ. އެގޮތުން ބުދަ ދުވަހު 1 ކޭސް ފެނިފައިވާއިރު، ބުރާސްފަތި ދުވަހު 2 ކޭސް، ހުކުރު ދުވަހު 5 ކޭސް އަދި ހޮނިހިރު ދުވަހު 7 ކޭސް ވަނީ މާލެއިން ފެނިފައެވެ. މީގެ އިތުރުން އާދިއްތަ ދުވަހު 17 ކޭސް ފެނިފައިވާއިރު އޭގެ ތެރެއިން 1 ކޭސް ވަނީ ހއ. އުލިގަމަށް ދަތުރުކޮށްފައެވެ. އަދި ހޯމަ ދުވަހު މި ބައްޔަށް ޕޮޒިޓިވްވެފައިވާ 15 ކޭހެއް މާލެ ތެރެއިން ފެނިފައިވާއިރު، މިއަދުގެ މިހާތަނަށް މި ވަނީ 16 ކޭސް އެއް ފެނިފައެވެ.