ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބަންގްލަދޭޝްގެ 68 މީހަކު މިއަދު ހެނދުނު އަނބުރާ އެގައުމަށް ފޮނުވާލައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެމީހުން ރާއްޖެއިން ފުރީ އިއްޔެ ރާއްޖެ އައި ބަންގްލަދޭޝްގެ އެއާފޯސް މަތިންދާބޯޓުގައި ކަމަށެވެ. އަދި މިއީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ފަރާތްތައް އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެންގާ ހިންގާ މަސައްކަތުގެ ދަށުން ކުރެވެނު މަސައްކަތެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ ކުރިއަށް އޮތްތަނުގައިވެސް މިމަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

ނުގަވައިދުން އުޅުނު 68 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލައިފި / ފޮޓޯ: ފޮރިން މިިނިސްޓްރީ

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ބައެއް ރައްޔިތުން އަނބުރާ އެގައުމަށް ގެންދިއުމަށް، ބަންގްލަދޭޝްގެ ސަރުކާރުގެ އެހީތެރި ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވަނީ އެގައުމު ފޮރިން މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފައެވެ. މިދިޔަ ދެ ހަފްތާގެ ތެރޭގައި ޝާހިދު ވަނީ ދެ ފަހަރެއްގެ މަތިން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން ނޭޕާލް އަދި ބަންގްލަދޭޝްގައި ތިބި ދިވެހިން، ބަންގްލަދޭޝްގެ އަސްކަރިއްޔާގެ އެހީތެރިކަމާއެކު އިއްޔެ ވަނީ ރާއްޖެ އައިސްފިއެވެ. ބަންގްލަދޭޝްގެ ވެރިރަށް ޑާކާއިން ފުރައިގެން ރާއްޖެއަށް އައި އެގައުމުގެ އަސްކަރީ މަތިންދާބޯޓުގައި 71 ދިވެހިން އައިސްފައިވެއެވެ. އެއީ ނޭޕާލުން އައި 18 ދިވެހިންނާ، ބަންގްލަދޭޝްގެ އެކި ސިޓީތަކުން އައި 53 ދިވެހިންނެވެ. މީގެ ތެރޭގައި ތިބީ ސްޕެޝަލައިޒް ވުމަށް ގޮސްތިބި މެޑިކަލް ޑޮކްޓަރުންނާއި، މެޑިސިން ކިޔަވަމުންދާ ދަރިވަރުންނެވެ.