މާލެއިން އިތުރު ދެ މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ ޕޮޒިޓިވް ވެފައި ވަނީ ފްލޫ ކްލިނިކުން ނަގާފައިވާ ދެ ދިވެހިންގެ ސާމްޕަލް ކަމަށެވެ. އަދި އެ ދެމީހުން މިހާރު ކަރަންޓީން ފެސިލިޓީ އަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޕީއޭން ބުނެއެވެ.

މި ދެ މީހުންއާއިއެކު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 66 އަށް އަރާފައެވެ. މީގެ ތެރޭގައި 4 ކުޑަކުދިން ހިމެނެއެވެ. އަދި އުމުރުން 80 އަހަރުން މަތީގެ މީހެއްވެސް ހިމެނެއެވެ.

ރާއްޖޭގައި ކޮވިޑް19 އަށް އިއްޔެ ވަނީ 17 މީހަކު ޕޮޒިޓިވް ވެފައެވެ. މި ހުރިހާ އެންމެން ވެސް ޕޮޒިޓިވްވީ މާލެއިންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ބަންގްލަދޭޝް މީހުންނާއި ދިވެހިން ހިމެނެއެވެ.

އެގޮތުން އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ދިވެހިންނެވެ. އަދި މިމީހުން ޕޮޒިޓިވް ވުމާއެކު މި މީހުންނާ ކޮންޓެކްޓް ޓްރޭސްވި މީހުން ހޯދައި ޖުމްލަ 327 ކޮންޓެކްޓް ޓްރޭސްކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މުޅި ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 84 އެކެވެ. މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އޭގެތެރޭގައި ހިމެނެނީ 13 ބިދޭސީންނާއި ތިން ދިވެހިންނެވެ.